ވޭތުވެ ތިން އަހަރާ އަޅާ ބަލާއިރު މިއަހަރު ވައްކަން ކޮށްގެން ފުލުހުންގެ އިދާރާއަށް ރިޕޯޓު ކުރި އަދަދު އާދަޔާ ހިލާފަށް ގިނަ ވެއްޖެ އެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިއަދާ ހަމައަށް 4357 ވައްކަމުގެ މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އެއީ ވޭތުވެ ދިޔަ ތިން އަހަރާ އަޅާބަލާއިރު އެއް ހާހުގެ އިތުރުވުމެކެވެ.

ވޭތުވެ ދިޔަ ތިން އަހަރުވެސް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތައް އުޅެނީ ތިން ހާހުގަ އެވެ. ވޭތުވެ ދިޔަ ތިން އަހަރުގެ ތެރެއިން ވައްކަމުގެ މައްސަލަ މަދުވެފައިވަނީ ވޭތުވެ ދިޔަ 2018 ވަނަ އަހަރު އެވެ.

ވައްކަމުގެ ތަފާސްހިސާބު

  • 2019 - 4357 ވައްކަމުގެ މައްސަލަ
  • 2018 - 3272 ވައްކަމުގެ މައްސަލަ
  • 2017 - 3504 ވައްކަމުގެ މައްސަލަ
  • 2016 - 3617 ވައްކަމުގެ މައްސަލަ

ފުލުހުންނަށް ހުށަހަޅާފައިވާ އެހެން މައްސަލަތަކަށް ބަލާއިރު ޓްރެފިކްގެ މައްސަލަތައް ހުށަހަޅާފައިވާ މިންވަރުވެސް ވަނީ މިއަހަރު އިތުރުވެފަ އެވެ. 2017 ވަނަ އަހަރު ޓްރެފިކްގެ 2100 މައްސަލަ ހުށަހަޅާފައިވާއިރު. 2018 ވަަނަ އަހަރު ހުށަހަޅާފައިވަނީ 2007 މައްސަލަ އެވެ. އެހެން ނަމަވެސް މިއަހަރު ޓްރެފިކްގެ 2266 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

ފުލުހަށް ރިޕޯޓުކޮށްފައިވާ އެހެން މައްސަލަތަކަށް ބަލާއިރު މިއަހަރުވެސް ޖިންސީ ގޯނާގެ މައްސަލަތަކާއި ފޭރުމާއި ޑްރަގްގެ މައްސަލަތައް ގިނަކަން ފާހަގަ ކުރެވެ އެވެ.

އެހެނިހެން މައްސަލަތަކުގެ ތަފާސްހިސާބު

  • ގެވެށި އަނިޔާ - 212 މައްސަލައެއް
  • ޑްރަގް - 2098 މައްސަލައެއް
  • މާރާމާރީ - 604 މައްސަލައެއް
  • ޖިންސީ ގޯނާ - 384 މައްސަލައެއް
  • ފޭރުން - 473 މައްސަލައެއް

މިއަހަރު މާރާމާރީގެ މައްސަލަތައް މަދުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ވޭތުވެ އަހަރުތަކާއި މިއަހަރާއި އަޅާ ބަލާއިރު މާރާމާރީގެ މައްސަލަތައް ފުލުހުންނަށް ރުޕޯޓުކުރި އަދަދު މަދުކަން ފާހަގަކުރެވެ އެވެ. އެގޮތުން 2017 ވަނަ އަހަރު މާރާމާރީގެ 771 މައްސަލައެއް ހުށަހަޅާފައިވާއިރު، 2018 ވަނަ އަހަރު 752 މާރާމާރީގެ މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އެކަމަކު މި އަހަރު ހުށަހަޅާފައިވަނީ 604 މައްސަލަ އެވެ.

މި ތަފާސްހިސާބަކީ މިއަދާ ހަމައަށް ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ތަފާސްހިސާބެވެ.