28 Dec 2019, 22:18
މިރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލާފައިވަނީ ތުރުކީ މީހަކަށް ކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމަށް ވާހަކަ ދެކެވެން ފެށުމުން މީޑިއާތަކުގައި އެ މީހާއަކީ ޗައިނާ މީހެއް ކަމަށް ވާހަކަ ދެކެވިފައިވެއެވެ.
ނަމަވެސް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވެފައިވަނީ ހަމަލާ ދީފައިވަނީ 33 އަހަރުގެ ތުރުކީ ފިރިހެނަކަށް ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އަނިޔާވި ތުރުކީ މީހާއަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށެވެ.
ފުލުހުން ބުނީ އެ ހަމަލާދީފައި ވަނީ ނިރޮޅުމަގާއި ބޮކަރުމާ ހިނގުމުގެ ކަންމަތިން ކަމަށެވެ.
އެ ހާދިސާގައި ބިދޭސީ މީހާގެ ވާތްފަރާތުގެ މެޔަށާއި ކޮލަށާއި ކޮނޑު މައްޗަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ އަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ތޫނު އެއްޗެހިން ހަމަލާދީ ޒަހަމުކޮށްފައިވާ ތަފާތު މައްސަލަތަކެއް ވަނީ ދާދި ފަހުން ފެންމަތިވެފައެވެ. އެގޮތުން މިރޭ މާލޭގައިވެސް ބިިދޭސީންގެ މެދުގައި ހިންގި މާރާ މާރީއެއްގައި ބިދޭސީއެއްގެ ގަޔަށް ތޫނު އެއްޗަކުން ވަނީ ހަމާލާދީފައެވެ.
ހުޅުމާލޭގައި ދާދި ފަހުން ވަނީ ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން ގަޔަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އޭނާ ވަނީ މަރުވެފައެވެ.