ފަތުރުވެރިކަމުގެ މަންފާ އެންމެ އެކަށީގެންވާ ގޮތުގައި ލިބުމަށްޓަކައި އެންމެ ފުރަތަމަ ބަދަލުވާން ޖެހޭ ކަމަކީ ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފުރިހަމަ މަންފާ ރާއްޖެއަށް ލިބުމަށްޓަކައި އެންމެ މުހިއްމު ކަމަކީ އާމްދަނީ ރައްޔިތުންނަށް ބެހިގެން ދިޔުން ކަމަށެވެ.

"އެކަމަށްޓަކައި އެންމެ ފުރަތަމަ ބަދަލުވާން ޖެހޭ ކަމަކީ ރިސޯޓު މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ޖުމްލަކޮށް މިއަށްވުރެ ހަރުދަނާވުން،" މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ވަރުގަދަކުރުމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަރަށް ކައިރިން ފެނިލައްވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

"ސިޔާސީ މައިދާނުގައި އެމަނިކުފާނާއެކު ކުރެވުނު ތަޖުރިބާގެ އަލީގައި އާންމު ރައްޔިތުންގެ ޖުމްލަ މަސްލަހަތު އެމަނިކުފާނު ނަގަހައްޓަވާނެ ކަން އެނގޭ،" އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގައި ޓުއަރިޒަމްގެ ހިދުމަތްދޭ ފާހަގަކޮށްލެވޭ ކުންފުނިތަކުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ވިދާޅުވުމާ ގުޅިގެން ޓުއަރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ބައެއް މީހުންގެ ފާޑުކިޔުން އަލީ ވަހީދަށް ވަނީ އަމާޒުވެފައެވެ.