28 Dec 2019, 20:44
މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އިންތިޒާމުކޮށްގެން ބާއްވާ އާ އަހަރު ފާހަގަކުރުމުގެ ޝޯ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމައިފި އެވެ.
ޓުއަރިޒަމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އާ އަހަރުގެ ޝޯ، އަންގާރަ ދުވަހުގެރޭ 20:30 އިން ފެށިގެން އާ އަހަރުގެ ޝޯ ކުރިއަށްދާނެ ކަމަށެވެ.
އަދި ޝޯ ކުރިއަށްދާނީ ލޭޒާ އާއި ލައިޓްތަކާއެކު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އާ އަހަރުގެ ޝޯގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޝަލަބީ އާއި ޒާރާ އަދި ޝިއުޒް ފަދަ ފަންނާނުން ވަނީ އެ ޝޯގައި ޕާފޯމް ކުރުމަށް ހަމަޖެހިފައެވެ.
ސަރުކާރުން އާ އަހަރުގެ ޝޯއެއް ބޭއްވުމަށް ނިންމާފައި މިވަނީ މިއަހަރުގެ އާ އަހަރުގެ ޝޯ ނުބާއްވާނެ ކަމަށް ވާހަކަތަކެއް ދެކެވެމުން ދިޔަ ދަނޑިވަޅެއްގައެވެ.
އާ އަހަރުގެ ޝޯ އަކީ ކުރީގެ ސަރުކާރުން ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އައިސްފައިވާ އިވެންޓެކެވެ. އެގޮތުން ބޭރުގެ މަޝްހޫރު ފަންނާނުން ރާއްޖެ ގެނެސް މީގެކުރީން ވަނީ އާ އަހަރުގެ ޝޯ ބާއްވާފައެވެ. އެ ހަރަކާތްތަކުގެ ތެރެއިން ރާއްޖެ ގެނައި ފަންނާނުންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ އާއި އޭކަން އަދި އަރްމާން މަލިކް ފަދަ ފަންނާނުން ހިމެނެއެވެ.