ސިފައިންގެ ޔެލޯ އެލާޓް ސްޓޭޓަސް އަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 19:00 އިން ފެށިގެން ސިފައިންގެ އެލާޓް ލެވެލް "ޔެލޯ 2"އަށް މަތިކޮށްފައެވެ. އެއީ އަންމުކޮށް ސިފައިންގެ އެލާޓް ސްޓޭޓަސް އަށްވުރެ އެއް ދަރަޖަ މައްޗެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހީމް އާޒިމް މިރޭ ވިދާޅުވީ ޔެލޯ އެލާޓް ސްޓޭޓަސް އަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

އަދި އެމްއެންޑީއެފްގެ އޮޕަރޭޝަންތައް މިހާރުވެސް ކުރިއަށް ގެންދަނީ އެލާޓް ސްޓޭޓަސްއާ އެއްގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އާޒިމް ހިއްސާކުރައްވާފައެއް ނުވެއެވެ.

އޭނާ ކުރީން ވިދާޅުވިގޮތުގައި އެލާޓް ލެވެލް "ޔެލޯ 2"އަށް މަތިކުރުމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވެ، ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އިތުރުން، އެއާޕޯޓްގެ ސެކިއުރިޓީ ވެސް ވަރުގަދަކުރާނެ އެވެ.

ސިފައިންގެ އެލާޓް ސްޓޭޓަސް މަތިކޮށްފައިވަނީ ވަކި ނުރައްކަލެއް އޮވެގެން ނޫން ކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެލާޓް ލެވެލް މަތި ކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރު ކުރުމަށް ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.