ސިފައިންގެ ގާނޫނާއި ޚިލާފަށް ވަޒީފާއަށް ފިލައިގެން އުޅޭ ސިފައިން، މިދިޔަ މަހުގެ 20 ވަނަ ދުވަހު ސިފައިންގެއަށް ހާޒިރުވާން އެންގުމުން ހާޒިރު ނުވި ނުވަ ސިފައިންގެ މީހެއްގެ ނަމާއި ފޮޓޯ އާއްމުކޮށްފި އެވެ.

ސިފައިން ނަމާ ފޮޓޯ އާންމުކުރި ނުވަ މީހުންނަކީ މ. ހިރި ހަސަން އާސިމާއި ނ. ހޮޅަދޫ ކުންނާރު ގަސްދޮށުގޭ މުހައްމަދު އައިމަނާއި ބ. އޭދަފުށީ މެޓްރޯވިލާ އަބްދުﷲ ވިޝާމާއި ދަފްތަރު ނަމްބަރު 819 އަހުމަދު ޝަފީގާއި ސ. ފޭދޫ އިންކާރަންއާގޭ ހަސަން އިމްރާނާއި ހ. ފުއްކަފަ މުހައްމަދު ނަސީރާއި ހދ. ކުޅުދުއްފުށީ ޓޯކިޔޯ އަހުމަދު އަރީފްގެ އިތުރަށް ދަފްތަރު ނަމްބަރު 8508 ސުނާން އަހުމަދެވެ.

ޑިފެންސް މިނިސްޓްރީން އިއްޔެ ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން އިއުލާން ކުރުމުން ހާޒިރުނުވި ސިފައިންގެ މީހުންނަކީ ހޯދާ ނުފެނިފައިވާ މީހުން ކަމަށާއި އެމީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން އެންގުމަށެވެ.

އެމްއެމްއެންޑީއެފްގެ މޭޖާ އަބުދުއް ރަހީމް މިއަދު ވިދާޅުވީ ސިފައިންގެއަށް ފިލައިގެން އުޅޭ މީހުންގެ ތެރެއިން ބައެއް މީހުން ކުރިން އިއުލާން ކުރި މުއްދަތުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ފަހަރުގެ އިއުލާނާ ގުޅިގެން ސިފައިންގެއަށް ހާޒިރު ވެފައި ވަނީ ހަތް މީހެއް ކަމަށް ކުރިން އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.

މޭޖާ ވިދާޅުވީ މިހާރު ހޯދަން އިއުލާން ކޮށްފައިވާ ނުވަ މީހުންނާމެދު އަޅާނެ ވަކި ފިޔަވަޅެއް ނިންމާފައި ނުވިނަމަވެސް ސިފައިންގެ ގަނޫނާއި އެއްގޮތަށް އެމީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން މިދިޔަ މަހުގެ ހަތަރު ވަނަދުވަހު އާއްމު ކޮށްފައިވާ އިއުލާން ގައި ބުނެފައިވަނީ ސިފައިންގެ ހިދުމަތަށް ފިލައިގެން އުޅޭ ފަރާތްތައް ވަޒީފާގެ ކަންތައްތައް ވަކިގޮތަކަށް ނިންމުމަށް އެމުއްދަތުގެ ތެރޭގައި ހާޒިރު ނުވާފަރާތްތަކުގެ މަޢުލޫމާތު ފޮޓޯ އާއިއެކު ހަބަރުފަތުރާ ވަސީލަތްތަކަށް އާއްމުކޮށް އިއުލާން ކުރުމަށްފަހު، އެފަރާތް ތަކާއިމެދު ސިފައިންގެ ގާނުނޫގެ 43 ވަނަމާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ސިފައިންގެ ހިދުމަތާ ގުޅުމަށްފަހު އަސްކަރިއްޔާގެ އެއްބަސްވުމާއި ހިލާފަށް ސިފައިންގެއަށް ފިލައިގެން އުޅުނު 13 މީހަކު ޝަރަފުވެރިކަމާއި ނުލައި މިދިޔަ މަހު ވަޒީފާއިން ވަކިކުރި އެވެ.