28 Dec 2019, 18:32
އދ. (ޑިސެމްބަރު 28): މިޔަންމާގައި ރޮހިންގާ ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް އަރައިގަތުން ކުށްވެރިކޮށް އދ.ގެ އާއްމު މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.
މިޔަންމާގެ ރޮހިންގާއިންނާއި އެގައުމުގައި ތަފާތު ކުރުންތަކާ ކުރިމަތިލާން ޖެހޭ އެހެން މީހުންނާ މެދު އިހާނެތިކޮށް ހިތުން ހުއްޓުވުމަށް ސަރުކާރުން އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލާ އެ ގަރާރު ފާސް ކުރީ އާއްމު މަޖިލީހުގެ 193 މެމްބަރުންގެ ތެރެއިން 134 މެމްބަރުންގެ ވޯޓުންނެވެ. އެ ގަރާރާ ދެކޮޅަށް ނުވަ މެމްބަރުން ވޯޓު ދިން އިރު، 28 މެމްބަރުން ހާޒިރެއް ނުވެ އެވެ.
އދ.ގެ ގަރާރުގައި ވަނީ މިޔަންމާގެ އަސްކަރިއްޔާއިން ހިންގާ ޖަރީމާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ރޮހިންގާއިންނަށް އެގައުމު ދޫކޮށް ބަންގުލަދޭޝްއަށް ދާން މަޖުބޫރުވާކަން ފާހަގަކޮށްފަ އެވެ.
ފާއިތުވި 40 އަހަރު ތެރޭ މިޔަންމާ ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާއިންގެ އަދަދު 1.1 މިލިއަނަށް އަރަ އެވެ. އޭގެ ތެރޭގައި އޮގަސްޓު 2017އިގެ ފަހުން ހިޖުރަ ކުރި 744،000 މީހުން ހިމެނެ އެވެ.
މިޔަންމާގައި ގިނަ އަދަދެއްގެ ރޮހިންގާއިން ދިރިއުޅޭ ރާހިން ސްޓޭޓުން ހަނގުރާމަވެރިން ހޯދުމަށް ކަމަށް ބުނެ، އެގައުމުގެ ސިފައިން އޮގަސްޓު 2017އިގައި ފެށި އަސްކަރީ އޮޕަރޭޝަނެއްގައި ބައެއް އަވަށްތައް އެއްކޮށް އަންދާ، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކޮށް، މެރި ކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުންޏެވެ.
އެ ދުވަސްވަރު މިޔަންމާގައި ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ގަތުލްއާންމެއް ހިންގި ކަމަށް ބުނެ ގެމްބިއާއިން ވަނީ އެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ މިހާރު ބަލަމުންދާ އިރު އެގައުމުގެ ލީޑަރު އަންގް ސަން ސޫޗީ ވަނީ އެގައުމު ދިފާއު ކުރައްވާ އައިސީޖޭގައި ވާހަކަ ދައްކަވާފަ އެވެ.
އަމިއްލަ ބަހަކާއި ސަގާފަތެއް އޮންނަ ރޮހިންގާ ދަރިކޮޅުގެ މީހުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް އެ ގައުމުގެ އާބާދީގެ ބޮޑުބައެއް ކަމަށްވާ ބުޑިސްޓުން ދެކޭ ގޮތުގައި ރޮހިންގާ ދަރިކޮޅުގެ މީހުންނަކީ އެގައުމަށް އަރާ ތިބި ބަންގުލަދޭޝްގެ ބަޔެކެވެ. އަދި މިޔަންމާގެ ސަރުކާރުން ވަނީ ރޮހިންގާ ދަރިކޮޅުގެ މީހުންނަށް ރަށްވެހިކަން ދިނުމާއި މިނިވަންކަމާ އެކު ދަތުރުފަތުރު ކުރުން ފަދަ ހައްގުތައް ނިގުޅައިގަނެފަ އެވެ.