28 Dec 2019, 18:27
ބޭނުންވާ ގޮތަށް ކަމެއް ނުވާ ކޮންމެ ފަހަރަކު މުވައްސަސާތަކުގެ އަގު ވައްޓާލުމަށް ބުހުތާނު ދޮގު ވާހަކަ ފެތުރުމަކީ ޑިމޮކްރަސީއަށް އޮތް އެންމެ ބޮޑު ބިރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.
އަކްރަމް މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގުރު ނެގުމުގައި އެ ކޮމިޝަނުން މަކަރު ހަދާފައިވާ ކަމަށް ވާހަކަ ދެކެވެން ފެށުމުން އެކަމަށް ރައްދު ދެއްވައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މީގެކުރީން ވާދަކުރުމަށް ނިންމާފައިވާ މެމްބަރެއް ބުނެފައިވާގޮތުގައި އިންތިހާބުގައި އަންހެނުން ވާދަކުރުމަށް ދާއިރާތައް ކަނޑައެޅުމުގައި މަކަރާއި ހީލަތް ވަނީ އިލެކްޝަނުން ބޭނުންކޮށްފައެވެ.
އެކަމާ ގުޅިގެން މިއަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މީޑިއާތަކާއި ޕާޓީތަކުގެ ކުރިމަތީގައި ކަމަށެވެ.
މަކަރާއި ހީލަތް ބޭނުންކުރި ކަމަށް ދައުވާ ކުރާ ފަރާތް ބުނިގޮތުގައި އިންތިހާބުގައި ގުރު ނެގުމުގެ މަސައްކަތް ކޮށްފައިވަނީ އަޑީގައި ބަޔަކު ތިބެގެން ކަމަށެވެ.
އަންނަ އޭޕްރިލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް އިލެކްޝަންސް އިން ދަނީ މިހާރުވެސް ކުރަމުންނެވެ.