ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް އިތުބާރު އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތްދޭ ފާހަގަކޮށްލެވޭ ކުންފުނިތަކުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ވިދާޅުވުމާ ގުޅިގެން ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ބައެއް މީހުންގެ ފާޑުކިޔުން އަލީ ވަހީދަށް ވަނީ އަމާޒުވެފައެވެ.

އަލީ ވަހީދަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އޭނާ އަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަމަށާއި އޭނާއަށް އެމްޑީޕީގެ ސިޔާސަތު އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް ހެޔޮ ބަދަލު އައިސްފައިވާ ކަމަށެވެ.

"މިނިމަމް ވޭޖް އާއި ސާވިސް ޗާޖްގެ މައްސަލަ ހައްލު ކުރެވޭނެ. މިނިސްޓަރު އަލީ ވަހީދަށް އިތުބާރު ކުރަން،" ނަޝީދު ވިދާޅުވިއެވެ.

ސާވިސް ޗާޖްއާ ގުޅޭ ގޮތުން އަލީ ވަހީދު ދެއްކެވި ވާހަކަ ސާފުކޮށްދީ މިނިިސްޓްރީން ބަޔާނެއްވެސް ނެރުނެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މިނިސްޓަރު ޖުމްލަ ގޮތެއްގައި ސާވިސްޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ނުވަތަ ގޯސް ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުނުވާ ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފާހަގަކޮށްލެވޭ ބޮޑެތި "ކީ" އިންވެސްޓަރުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށެވެ.