28 Dec 2019, 14:05
ބެންކޮކް (ޑިސެމްބަރު 28): މިދިޔަ އަހަރުގެ ޖޫން މަހު ތައިލޭންޑުގައި 12 ކުއްޖަކާއި އެކުދިންގެ ފުޓުބޯޅަ ކޯޗު ހޮހޮޅައެއްގައި ތާށިވުމުން އެ ކުދިން ސަލާމަތް ކުރުމުގައި ބައިވެރިވި އެގައުމުގެ ކަނޑުގެ ސިފައިންގެ އޮފިސަރަކު މަރުވެއްޖެ އެވެ.
ތައި ރޯޔަލް ނޭވީން ބުނި ގޮތުގައި ޕެޓީ އޮފިސަރު ބެއިރެތު ޕަކުބަރާ އިއްޔެ މަރުވީ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ޖެހުނު ލޭގެ އިންފެކްޝަނަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އަދި އިއްޔެ އޭނާގެ ޖަނާޒާ ބޭއްވުމަށް ފަހު ވަނީ ވަޅުލައިފަ އެވެ.
ޕަކުބަރާގެ މަންމައާ ހަވާލާދީ ބެންކޮކް ޕޯސްޓުގައިވާ ގޮތުން ފާއިތުވި އަހަރު ތެރޭ އޭނާ ދިޔައީ އެ އިންފެކްޝަނަށް ފަރުވާ ހޯދަމުންނެވެ.
ޕަކުބަރާގެ އިތުރުން، ކުދިން ސަލާމަތް ކުރުމުގައި ބައިވެރިވި އެހެން ޑައިވަރެއްވެސް އެ އޮޕަރޭޝަން ތެރޭގައި މަރުވި އެވެ.

ތަމް ލުއަންގް ހޮހޮޅައިގައި ތާށިވި ކުދިން ސަލާމަތް ކުރުމުގައި ބައިވެރިވި ކަނޑުގެ ސިފައިންގެ އޮފިސަރެއް ކަމަށްވާ ބެއިރެތު ޕަކުބަރާ ވަނީ މަރުވެފަ -- ފޮޓޯ: ތައި ރޯޔަލް ނޭވީ
ތައިލޭންޑުގެ ކުރީގެ ނޭވީ ސީލްއެއް ކަމަށްވާ ސަމަން ގުނަން މަރުވީ ހޮހޮޅައިގެ ތެރޭގައި ތިބި ޑައިވަރުންނަށް އޮކްސިޖެން ޓޭންކުތަކެއް ދިނުމަށް ފަހު، އެނބުރި ދިޔަ މަގުމަތީގައެވެ.
ތަމް ލުއަންގް ކިޔާ ހޮހޮޅައެއްގައި 'ވައިލްޑް ބޯސް' ނަމަކަށް ކިޔާ ފުޓުބޯޅަ ޓީމުގެ ކުދިންނާއި ކޯޗު ތާށިވީ މިދިޔަ އަހަރުގެ ޖޫން 23ގަ އެވެ. އަދި އެކުދިން ފެނުނީ ނުވަ ދުވަސް ފަހުންނެވެ. އޭގެ ފަހުން 90އަށް ވުރެ ގިނަ ޑައިވަރުން ހިމެނޭ ޓީމަކުން އެކުދިން ހޮހޮޅައިން ނެރުމުގެ މަސައްކަތް ފެށީ ޖުލައި އަށެއްގަ އެވެ. އަދި ހުރިހާ ކުދިންނާއި ކޯޗު ހޮހޮޅައިން ނެރެ ނިމުނީ އޭގެ ދެ ދުވަސް ފަހުންނެވެ.
ތައިލޭންޑުން ވަނީ އެ ހޮހޮޅަ މިދިޔަ މަހު އަނެއްކާވެސް ފަތުރުވެރިންނަށް ހުޅުވާލާފަ އެވެ. އަދި ހޮހޮޅަ ކައިރީގައި ވަނީ ސަމަން ގުނަންގެ ބުދެއް ބަހައްޓާފަ އެވެ.