ފަނޑިޔާރުން ރިޓަރާ ކުރުމުގެ ގަވައިދުގެ ދަށުން ރިޓަޔާ ކުރެއްވުމަށް އެދި ވިއްސަށް ވުރެ ގިނަ ފަނޑިޔާރުން އެދިވަޑައިގެންފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީގެ އިސް އޮފިޝަލަކު އިއްޔެ ވިދާޅުވީ އުމުރުން 55 އަހަރު ވުމުން އަމިއްލަފުޅަށް ވަކިވެވަޑައިގަންނަވަން ބޭނުން ފަޑިޔާރުންނާއި ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅިކޮށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް ޖޭއެސްސީން އަމަލު ކުރަން ފެށުމާ އެކު ރިޓަޔާ ކުރެއްވުމަށް އެދިވަޑައިގެން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 28 ފަނޑިޔާރަކު ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައިވާ ކަމަށެވެ.

"އެ އަދަދަށް ފަނޑިޔާރުން ވަނީ ރިޓަރާ ކުރައްވަން އެދިވަޑައިގެންފައި، މިހާރު ވެސް ވަރަށް ފަނޑިޔާރުން މައުލޫމާތު ސާފު ކުރަމުން އެބަގެންދަވާ ގަވައިދާ އަމަލު ކުރަން ފެށުމާ އެކު ވަރަށް ބޮޑު ޝައުގުވެރި ކަމަށް ފަނޑިޔާރުން ވަނީ ދީފައި، އެހާ ގިނަ ބޭފުޅުން އެދިވަޑައިގެންނެވި އިރު މައުލޫމާތު ސާފު ކުރުމުގެ ޝައުގުވެރިކަން އަދި މާ ބޮޑު،" ޖޭއެސްސީގެ އެ އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ ރިޓަޔާ ކުރައްވަން އެދިވަޑައިގެންފައިވާ ފަނޑިޔާރުންގެ ތެރޭގައި ގިނައިން ހިމެނި ވަޑައިގަންނަވަނީ އުމުރުފުޅުން 65 އަހަރުން މަތީގެ ބޭފުޅުން ކަމަށާއި ނަމަވެސް އޭގެ ތެރޭގައި 55 އަހަރުގެ ފަނޑިޔާރަކު ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ޖޭއެސްސީން ގަވައިދަށް އަމަލު ކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެނެވެ. އެ ގަވާއިދުގެ ދަށުން އުމުރުން 55 އަހަރުވުމުން އަމިއްލަފުޅަށް ވަކިވެ ވަޑައިގަންނަވާ ފަނޑިޔާރުންނަށާއި ސިއްހީ ސަބަބުތަކަށްޓަކައި މުސްކުޅިކުރައްވާ ފަނޑިޔާރުންނަށް އެބޭފުޅަކު އޭރު ހުންނެވި ކޯޓެއްގެ ފަނޑިޔާރަކަށްދޭ ލިވިން އެލަވަންސާއި މެޑިކަލް އިންޝުއަރެންސާއި ސެކިއުރިޓީ އަދި ޗުއްޓީ ފައިސާ ލިބިވަޑައިގަންނަވާނެ އެވެ.

އެހެނިހެން އިނާޔަތްތަކުގެ ބޭރުން އެއްފަހަރާ ގަނޑުކޮށް ލިބިވަޑައިގަންނަވާ އިނާޔަތުގެ ފައިސާ ދެވޭނެ ގޮތްތަކެއް ވެސް ގަވައިދުގައި ވަނީ ކަނޑައަޅާފަ އެވެ. ގަވާއިދު ބުނަނީ ފަނޑިޔާރަކު ހިދުމަތްކުރެއްވެވީ 30 އަހަރަށް ވުރެ ކުރުމުއްދަތެއް ކަމުގައިވާ ނަމަ ލިބި ވަޑައިގަންނަވާ މުސާރައިގެ ތިން ބައިކުޅަ އެއްބައި ހިދުމަތްކުރި މުއްދަތުން ގުނަކުރުމުން ޖެހޭ މިންވަރު އެއްފަހަރާ އެ ފަނޑިޔާރަކަށް ލިބި ވަޑައިގަންނަވާ ކަމަށެވެ. އަދި 30 އަހަރަށް ވުރެ ގިނައިން ހިދުމަތްކޮށްފައިވާ ނަމަ މަހަކު ލިބޭ މުސާރައިގެ ދެ ބައިކުޅަ އެއްބައި ހިދުމަތްކުރި މުއްދަތުން ގުނަ ކުރުމުން ޖެހޭ މިންވަރު އެ ފަނޑިޔާރަކަށް ދެއްވަން ޖެހޭނެ ކަމަށެވެ.

ގަވާއިދުގެ ދަށުން ރިޓަޔަޑް ފަނޑިޔާރުންނަށް އެ ފަނޑިޔާރަކު ހުރި ފެންވަރަކުން ލަގަބު އެރުވެ އެވެ. ސުޕްރީމް ކޯޓު ނުވަތަ ހައިކޯޓުގެ ފަނޑިޔާރެއް ނަމަ އެބޭފުޅެއްގެ ނަމުގެ ކުރިއަށް "ޖަސްޓިސް ރިޓަޔާޑް"، ސްޕީރިއާ ކޯޓެއްގެ ފަނޑިޔާރެއް ނަމަ "ޖަޖް ރިޓަޔާޑް " އަދި މެޖިސްޓްރޭޓް ކޯޓެއްގެ ފަނޑިޔާރެއްނަމަ "މެޖިސްޓްރޭޓް ރިޓަޔާޑް"ގެ ލަގަބު ދެވެ އެވެ.