ރޭ ބޮޑުތަކުރުފާނު މަގު ކާނިވާ ސަރަހައްދު ކައިރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާ ހިނގި ގޮތާ މެދު ޝައްކު އުފެދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ ފުލުހަށް ރިޕޯޓު ކުރީ 23:26 އެހާކަންހާއިރު އެވެ. އެ ހާދިސާގައި އަނިޔާވީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ރޭ ފުލުހުން ބުނީ އެ މީހާއަށް ތޫނު އެއްޗަކުން ހަމަލާ ދިނީ އޭނާގެ ވޮލެޓު ފޭރެން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެކަމަކު އެ ހާދިސާ ތަހުގީގު ކުރުމުން މިހާރު ސުވާލު އުފެދޭ ކަންތައްތައް ފެންމަތިވެފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި އަނިޔާވި މީހާ އަކީވެސް ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

ރޭގެ ހާދިސާގައި އަނިޔާވި މީހާގެ އަތުގައި ކުޑަހުޅު ކައިރިން ތިން ވަރަކަށް އިންޗި ފުންކޮށް ކަފާލާފައިވެއެވެ. އޭނާއަށް ރޭ އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.