28 Dec 2019, 13:16
މާލޭގައި ގޯތިގެދޮރުގެ ކުލި ބޮޑުވުމުގެ މައްސަލަ ހައްލު ކުރެވޭނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުޑަކުރުމަށް، މާލެއަށް ތޮއްޖެހުން އިތުރުވާނެ ޕްރޮޖެކްޓްތައް އެހެން ސަރަހައްދަކަށް ގެންދިއުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި މެމްބަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުލީގެ މައްސަލަ ހައްލު ވާނީ މާލޭގެ ގެދޮރަށް އޮތް ޑިމާންޑު ދައްވާނޭ ގޮތެއް ހަދައިގެން ކަމަށެވެ.
އަދި މައްސަލަ ހައްލު ކުރުމަށް މާލެ ފުރި ބަންޑުން ވެފައިވާކަން ގަބޫލުކޮށް، މަލެ އިތުރަށް ތޮއްޖެހޭނެ ފަދަ މަޝްރޫއުތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހޭ ކަމަށް ވެސް އަލި ހުސައިން ވިދާޅުވި އެވެ.
"މާލޭގެ ކުލީގެ މައްސަލަ ހައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުޑަކުރުމުން. މާލޭގެ ގެދޮރަށް އޮތް ޑިމާންޑު ދައްވާނޭ ގޮތް ހެދުމުން. މާލެއަށް ތޮއްޖެހުން އިތުރުވާނެ ޕްރޮޖެކްޓް ތައް އެހެން ސަރަހައްދަކަށް ގެންދިޔުމުން. މާލެ ފުރި ބަންޑުން ވެއްޖެ ކަމަށް ގަބޫލުކުރުމުން،" މެމްބަރު ވިދާޅުވިއެވެ.
އަލީ ހުސައިންގެ ޓުވީޓަށް އައިސްފައިވާ ބައެއް ރިޕްލައި ތަކަށް ޖަވާބުދެއްވައި އޭނާ ވިދާޅުވީ ހާލުގައި ޖެހިފައި ތިބި މާލޭ މީހުންގެ އަދަދު ވެސް މަދު ނޫން ކަމަށާއި، އެމީހުންނަށް ވެސް ސާފު ވަޔާއި ހަމަޖެހޭ ދިރިއުޅުމެއް ހޯދޭނީ މާލޭގެ ތޮއްޖެހުން ކުޑަކޮށްގެން ކަމަށެވެ.
މެމްބަރު ވިދާޅުވީ އަތޮޅު ތެރޭގެ ރައްޔިތުން މާލެ އައިސް ވަޒަންވެރިވެފައި ވަނީ އެމީހުން އެގޮތް ބޭނުންވެގެން ނޫން ކަމަށާއި، ހާލަތު އެގޮތަށް މަޖުބޫރު ކުރުވުމުން ކަމަށެވެ.
ގިނަ ރަށްރަށުގައި އަސާސީ ހިދުމަތްތައް ލިބެން ނެތްކަން ފާހަގަ ކުރައްވައި، މެމްބަރު ތަމްސީލު ކުރައްވާ ދާއިރާގެ ހަ ރަށުން މިސާލު ނަންގަވަމުން މެމްބަރު ވިދާޅުވީ، އެއިން އެއްވެސް ރަށެއްގައި ސާފު ބޯފެން ލިބޭނެ ނިޒާމާއި ނަރުދަމާ އަދިވެސް ގާއިމުވެފައި ނެތް ކަމަށެވެ.
"ސާފު ފެން ނެތް. ނަރުދަމާ ނެތް. އަޅުގަނޑުމެންގެ އަތޮޅުގެ ދެބައިކުޅަ އެއްބައި ރަށްރަށަށް އަރާ ފައިބަން އިންތިހާއަށް ދަތި. މާލެ އަންނަނީ މާ ހިތްހަމަ ޖެހޭތީއެއް ނޫން. ހާލަތު އެތައް ގޮތަކަށް މަޖުބޫރު ކުރަނީ،" މެމްބަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ވެސް ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތައް މާލެ ސަރަހައްދަށް އަމާޒުކޮށްފައި ވާތީ އަލީ ހުސައިން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
މެމްބަރު ވިދާޅުވީ ވަޒީފާތަކާއި އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިވެގެން ދާނީ ބަޖެޓުގެ ބޮޑު ބައި ހޭދަކުރާ ސަރަހައްދަކަށް ކަން މެމްބަރު ފާހަގަ ކުރެއްވި އެވެ. އަދި މިހާތަނަށް ފެނިގެން ދިޔައީ ޕީއެސްއައިޕީގެ 50 ޕަސެންޓު ހަމައެކަނި މާލެ ސަރަހައްދަށް ހޭދަކުރުމުގެ ސަގާފަތެއް ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެ ސަގާފަތް ބަދަލުވާ މަންޒަރު ފެންނަމުން ނުދާ ކަމަށެވެ.
"ކޮންމެ އަަހަރަކު ބަޖެޓުން ތަންފީޒު ނުކުރެވޭ ބައިގައި ކުދިރައްތަކުގެ ބަނދަރުތަކާއި ފެނާއި ނަރުދަމާ ހިމެނި އެކަން ތަކުރާރު ވަމުން އަންނަނިކޮށް، އަނެއްކާވެސް މާލެ ސަރަހައްދައް ބަޖެޓުގެ ތަންފީޒުވާ ބޮޑުބައި އޮއްސާލީމާ، ލާމަރުކަޒީީ އައްވުރެ ތޮއްޖެހުގެ އޮއިވަރު ގަދަވާނެ،" މެމްބަރު ވިދާޅުވިއެވެ.
އަދި ކާނެ އެއްޗެއް ނެތް ނަމަވެސް، މަސް ދާނީ ފެން އޮތް ތަނަކަށް ކަމަށް މެމްބަރު ވަނީ ވިދާޅުވެފަ އެވެ.
މާލޭގައި ގޯތިގެދޮރުގެ ކުލި ދުވަހެއް ދުވަހަކަށް ބޮޑުވާ ކަމުގެ ޝަކުވާތައް އަބަދު ވެސް ރައްޔިތުން އަންނަނީ ކުރަމުންނެވެ. ނަމަވެސް ކުލި ކޮންޓްރޯލް ކުރަން ފިޔަވަޅު އެޅުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެ އެވެ.
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާލޭގައި ކުލި ކޮންޓްރޯލް ކުރުމަކީ އިގްތިސާދަށް އޭގެ ސަބަބުން ބޮޑު ގެއްލުމެއް ވާނެ ކަމެއް ކަމަށާއި، އެހެންކަމުން ކުލި ކޮންޓްރޯލް ކުރުމަކީ އެމްޑީޕީގެ ވިސްނުން ނޫން ކަމަށެވެ.