ގާހިރާ (ނޮވެމްބަރު 29) - މިސްރުގައި ބާއްވާ ފުރަތަމަ މިނިވަން ޕާލަމެންޓްރީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެގައުމުގެ ރައްޔިތުން ވޯޓުލާން އިއްޔެ ފަށައިފި އެވެ.

މިސްރުގެ ޕާލަމެންޓްރީ އިންތިޚާބުގައި އިއްޔެ އާއި މިއަދާ އަދި މާދަމާ ވޯޓުލުން ކުރިއަށް ދާނީ ޤާހިރާ، އިސްކަންދަރިއްޔާ ފަދަ ބޮޑެތި ސިޓީތަކުގަ އެވެ. ދެވަނަ ބުރުގައި ވޯޓު ލާނީ އަންނަ ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހު އާބާދީ ބޮޑު، ބޮޑެތި ސިޓީތައް ފިޔަވައި އެހެން ހުރިހާ ސަރަޙައްދުތަކެއްގަ އެވެ. ތިން ވަނަ ބުރުގައި ވޯޓުލާނީ ވޯޓު އެއްވަރުވެ ނަތީޖާ އަލުން ކަނޑައަޅަންޖެހޭ ސަރަޙައްދުތަކުގަ އެވެ. މިބުރުގައި ވޯޓުލުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

މިއީ ހުޅަނގުގެ ތާއީދު ލިބިފައިވާ މިސްރުގެ ކުރީގެ ޚުދުމުޚްތާރު ވެރިޔާ ހުސްނީ މުބާރަކްގެ ވެރިކަން ރައްޔިތުންގެ އުތުރިއެރުމެއްގައި ވެއްޓުމަށްފަހު މިސްރުގައި އެކުލަވާލި އައު ޤާނޫނު އަސާސީގެ ދަށުން ބާއްވާ ދިމުޤްރާތީ މިނިވަން ފުރަތަމަ އިންތިޚާބެވެ.

މިއިންތިހާބުގައި މިސްރުގެ ޕާލަމެންޓުގެ ދަށުގެއަށް 498 މެންބަރުން އިންތިހާބުކުރުމަށް ހަމަޖެހިފައިވެ އެވެ. ޕާލަމެންޓްގައި އެންމެ ބާރުގަދަވާނީ ދަށުގެ އެވެ. ޕާލަމެންޓްގެ މަތިގެ ކަމަށްވާ ޝޫރާ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް ވޯޓު ނަގާނީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ މާބޮޑު ބާރުތަކެއް އޮންނަ މަޖިލީހެއްނޫނެވެ.

އިއްޔެ ފެށި މިސްރުގެ ޕާލަމެންޓްރީ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ކަމަށް ބެލެވިފައި ވަނީ މުބާރަކްގެ ވެރިކަމުގައި މަނާކޮށްފައި އޮތް ދީނީ ޕާޓީއެއް ކަމަށްވާ އިޚްވާނުލްމުސްލިމީން އިންނެވެ. އެޕާޓީ، މިއިންތިޚާބުގައި ބައިވެރިވެފައިވަނީ ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީގެ ނަމުގަ އެވެ. (އަލްޖަޒީރާ)