ގެސްޓް ހައުސް އެސޯސިއޭޝަން މޯލްޑިވްސް (ޖީއޭއެމް)ގެ ރައީސް އަހުމަދު ކަރަމްއަށް ދަނޑުވެރިކަމުގެ ދާއިރާއަށް ވަދެވުނީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ކަރަޔާއި ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކެއް ހައްދާ އއ. ތޮއްޑުއަށް ކަރަމް ނިސްބަތްވިޔަސް އޭނާއަކީ މީގެ ކުރިން ދަނޑުވެރިކަމާ ގުޅޭ ދާއިރާގައި ހަރަކާތްތެރިވި ބޭފުޅެއް ނޫނެވެ. ކުރިން ސިއްހީ ދާއިރާގައި މަސައްކަތް ކުރެއްވި ކަރަމް މިހާރު އަވެދިނެތި އުޅުއްވަނީ ތޮއްޑޫގައި އަމިއްލަ ގެސްޓުހައުސްއެއް ހިންގެވުމުގަ އެވެ.

ކަރަމްގެ ލޯ ދަނޑުވެރިކަމަށް އަމާޒުވީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރެއިންނެވެ. އޭނާއަށް އެ ދާއިރާއަށް ލޯ ހުޅުވާލަދެއްވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ދަނޑުވެރިން ހައްދާ ބާވަތްތަކަށް ހަމައަގު ހޯއްދަވައި ދެއްވުމަށް ވަކާލާތު ކުރައްވަމުން ގެންދެވި ރައީސް ނަޝީދު އެއް ދުވަހަކު މަޖިލީސް ކެމްޕޭންތެރޭގައި ވިދާޅުވި ވާހަކައަކީ އޭގެ ފެށުމެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން މޯލްޑިވްސް (ޖީއޭއެމް)ގެ ރައީސް އަހުމަދު ކަރަމް--- ފޮޓޯ: ކަރަމް

"ރައީސް ނަޝީދު އެދުވަހު ވިދާޅުވި ފަޅޯގެ އަގު ވެއްޓިގެން އުޅޭ ވާހަކަ. މިޑްލްމެނުން ދަނޑުވެރިންގެ އަތުން އެބަ ނަގާ ބައެއް ފަހަރު ފަޅޯ ކިލޯއެއް ދެ ރުފިޔާއާއި ފަސްރުފިޔާއަ ށްވެސް. ހަމަ އަގު ނުލިބިގެން ބައެއް ފަހަރު އުކާލާއެބަ. ރައީސް ނަޝީދު އެދުވަހު ވިދާޅުވި ފަޅޮލަކީ ކިހާ އަގުހުރި އެއްޗެއްކަން." ކަރަމް ވިދާޅުވި އެވެ.

ފަޅޮލާ މެދު ވެވުނު ޝައުގުވެރިކަން ވީ އިތުރެވެ. ފަޅޮޅުން އިތުރަށް ކުރެވޭނެކަންކަމާ މެދު ކަރަމް އިތުރަށް ވިސްނި އެވެ. މިއީ އޭގެން އެއް ހިޔާލެވެ. ރާއްޖޭގައި މިހާތަނަށް އެއްވެސް މީހަކު ފަޅޮލުން ޖޭމް ހަދައިގެން ޕްރޮޑަކްޓްއެއްްގެ ގޮތުގައި މާކެޓްއަށް ނެރެފައެއް ނުވެ އެވެ. އެ މަސައްކަތް ކުރަން ޗައިނާ އިން މެޝިނެއް ގެނެސް ފަޅޯޖޭމް ހަދައިގެން ކައިރި ރިސޯޓްތަކަށް ވިއްކަންވެސް އޭނާ ވިސްނި އެވެ. ނަމަވެސް އެކަމަށް އިންވްސްޓްކުރުމުގައި ތަފާތު ގޮންޖެހުންތައް ދިމާވެގެން ފަހުން އެހިޔާލުން އަތް ދޫކޮށްލީ އެވެ.

އެ ހިސާބުން ވެސް ކަރަމްގެ ސިކުނޑިން ފަޅޯ ކައްސާލައިގެނެއް ނުދިޔަ އެވެެ. އެއްގޮތް ނެތިއްޔާ އަނެއްގޮތް އަބަދުވެސް އޮންނާނެ ނޫންހެއްޔެވެ؟

ތޮއްޑޫގައި ފަތުރުވެރިންތަކެއް ކަނީ. ތޮއްޑޫ ފަޅޯ ފަތުރުވެރިންނަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައި--- ފޮޓޯ: ކަރަމް

"ވީގޮތަކީ ގެސްޓުހައުސްއަށް އަންނަ ރަޝިއާ ގެސްޓުންނަށް ތޮއްޑޫ ފަޅޯމާބޮޑަށް ކަމުދިޔައީ. ރަޝިއާއަށް އާންމުކޮށް ފަޅު މިގެންނަނީ ވިއެޓްނާމުންނާއި ތައިލެންޑާއި ދެކުނު އެމެރިކާގެ ގައުމުތަކުން. ރަޝިއާއަކީ ފިނިތަނަކަށް ވީމާ ނުހެއްދޭ ފަޅޮލެއް. އެ ހިސާބުން ރަޝިއާ މީހަކާ ގުޅިގެން ފަޅޯ އެކްސްޕޯޓްކުރުމުގެ މަސައްކަތުގެ ތެރެއަށް ވަދެވުނީ" ކަރަމް ވިދާޅުވި އެވެ.

ކަރަމް މިހާރު އުޅުއްވަނީ ފަޅު އެކްސްޕޯޓް ކުރަން ފެށުމުގެ ގޮތުން އަވަދިނެތި އެވެ. އެކަމަށް ޓަކައި އޭނާ މިހާރު ވަނީ ރަޝިއާގައި އެގައުމުގެ މީހަކާ ގުޅިގެން ކުންފުންޏެއް ވެސް ހަދައިފަ އެވެ. "ޕަޕާޔާ އެލްއެލްސީ"ގެ ނަމުގައި ހެދި ކުންފުންޏާ އެކު ކަރަމްގެ މިސްރާބު މިހާރު ހުރީ އަންނަ ފެބްރުއަރީގެ ކުރިން ރަޝިއާއަށް ފަޅޯ އެކްސްޕޯޓް ކުރަން ފެށުމަށެވެ.

ތޮއްޑޫގެ ފަޅޯ ދަނޑުތަކެއް---ފޮޓޯ: ކަރަމް

ކަރަމްގެ އަމާޒު މިވަގުތުހުރީ ކޮންމެ ހަފްތާއަކު އެއް ޓަނު (1000 ކިލޯ)ގެ ފަޅޯ ރަޝިއާއަށް އެކްސްޕޯޓްކުރުމަށެވެ. އެމިރޭޓްސް އެއާލައިން މެދުވެރިކޮށް ދުބާއީގައި ޓްރާންސިޓްކުރުމަށް ފަހު ރަޝިއާގެ ސެއިންޓް ޕީޓާސްބާގްއަށް ކޮންމެ ދުވަހަކު ވެސް ގެންދިއުމުގެ ފުރުސަތު އޮވެ އެވެ.

"ހަމަ ވަރަށް ރީއްޗަށް ޕެކިންއާއި އެއްޗެތި ހަދައިގެން މިކަން ކުރާނީ. "ޕަޕާޔާ ފްރޮމް ޕެރެޑައިޒް" ޖަހައިގެން ކަހަލަގޮތަކަށް ލޭބަލްކުރަނީ. އުއްމީދު އެބައޮތް ބަރާބަރަށް ސަޕްލައިކުރެވޭނެކަމުގެ. އިރާދާކުރެއްވިއްޔާ ސަޕްލަޔަރުންނަށް ވެސް ދޭނަން މިހާރު މާކެޓްގައި ހުރި އަގަށް ވުރެ ރަނގަޅު އަގެއް،" ކަރަމް ވިދާޅުވި އެވެ.

ރަޝިއާއަށް އެކްސްޕޯޓް ކުރާ ފަޅޮލުގެ ޕެކިންގައި ހިމަނާ ޑިޒައިން---ފޮޓޯ: ކަރަމް

ކަރަމްގެ އަޒުމާއެއްގޮތަށް ތޮއްޑޫން ފަޅޯ ރަނގަޅަށް އެކްސްޕޯޓް ކުރެވިއްޖެ ނަމަ އެކަން ވާނީ ހުދު ތޮއްޑުއަށް ވެސް ލިބޭ އިތުރު ފަހުރަކަށެވެ. ކަރަޔާއި ލޯކަލް ޓޫރިޒަމްގައި މިހާރު ފިޔަ ޖަހަމުންދާ ތޮއްޑޫގެ ނަން އިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމަށް ހުދު ކަރަމް ވެސް ވިދާޅުވި އެވެ.