ބޮލީވުޑް އެކްޓަރު އަދި ސަލްމާން ހާންގެ ޅިޔަނު އާޔޫޝްމަން ޝަރްމާ 28، އަށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ.

އާޔޫޝްމަންގެ އަންހެނުން އަރްޕިތާ އިއްޔެ ވިހެއިރު، އިއްޔެ އަކީ ސަލްމާންގެ 54 ވަނަ އުފަންދުވަހެވެ.

ފިލްމު "ލަވްރާތުރީ"ން ބޮލީވުޑަށް ނުކުތް ބަތަލަށް މި ފަހަރު އަންހެން ކުއްޖެއް ލިބުނުއިރު އެދަރިފުޅަށް ކިޔަނީ އާޔަތު ޝަރްމާއެވެ.

އަރްޕިތާ އާ އާޔޫޝްމަންގެ ފުރަތަމަ ދަރިފުޅު އާހިލް އަށް މިހާރު ތިން އަހަރެވެ.

ސަލްމާން ކުރި ޓްވީޓެއްގައި ބުނީ އާޔަތު އޭނާގެ އުފަންދުވަހު އުފަންވުމަކީ އޭނާ އަށް ލިބުނު އެންމެ ބޮޑު އަދި އެންމެ ރަނގަޅު އުފަންދުވަހުގެ ހަދިޔާ ކަމަށެވެ.

އާޔޫޝްމަންގެ އާއިލާ އިން ދާދިފަހުން ވަނީ ރާއްޖެ އައިސް ޗުއްޓީ ވެސް ހޭދަކޮށްފައެވެ.

އަރްޕިތާއަކީ ސަލްމާންގެ މައިންބަފައިން އެޑޮޕްޓް ކުރި ކުއްޖެކެވެ.