އަންނަ އަހަރުން ފެށިގެން އާމްދަނީ އިން ޓެކްސް ނަގަން ސަރުކާރުން ނިންމާފައި ވާއިރު، މާލޭގެ ގެތަކުގެ ކުލި ބޮޑު ކުރަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ބުނަން ފަށައިފި އެވެ.

އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ. އަދި 17 ވަނަ ދުވަހު ރައީސް ވަނީ އެ ބިލް ތަސްދީގު ކުރައްވައިފަ އެވެ.

އިންކަމް ޓެކްސްގެ ބިލު ތަސްދީގުކޮށް ގާނޫނަކަށް ވެފައިވާއިރު އާމްދަނީ އިން ޓެކްސް ނަގާނީ، މަހެއްގެ މައްޗަށް 60،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަަތުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު އަލީ ޔޫސުފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަހުގެ ކުލި ދައްކަން ދިއުމުން، އަންނަ މަހުން ފެށިގެން އިންކަމް ޓެކްސް އަށް ކޮންމެ އެޕާޓްމަންޓަކުން 2500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ވެރިމީހާ އަންގާފައިވާ ކަމަށެވެ.

"ގޭ ވެރިމީހާ ބުނީ ކުލި ދައްކަން ދިޔައީމަ ޖެނުއަރީ މަހުން ފެށިގެން އިންކަމް ޓެކްސް އަށް ކޮންމެ އެޕާޓްމަންޓަކުން 2500 ރުފިޔާ. އިންކަމް ޓެކްސް އާއެކު ކުލި ބޮޑުވަނީ؟ އިންކަމް ޓެކްސް ދައްކަން މިޖެހުނީ ނިކަމެތި ރާއްޖެތެރޭ މީހާ،" އަލީ ޔޫސުފް ވިދާޅުވި އެވެ.

އަލީ ޔޫސުފްގެ އިތުރުން، އަންނަ އަހަރުން ފެށިގެން ދިރިއުޅޭ ގޭގެ ކުލި ބޮޑުކުރަމުން އަންނަ ކަމުގެ ޝަކުވާތައް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކުރަމުންނެވެ.

އިންކަމް ޓެކްސް އާއެކު މާލޭގެ ގެދޮރުގެ ކުލި އަނެއްކާ ވެސް އުފުލިގެން ދާކަމުގެ ޝަކުވާތައް ގިނަވެފައި ވާއިރު، މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން އަންނަނީ ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ފަރުދުންގެ އާމްދަނީއިން ނަގާ ޓެކްސް ޖެނުއަރީ އެކަކުން ފެށިގެން ނަގަން ފަށާނެ އެވެ. ނަމަވެސް, އާންމުފަރުދުންނަށް ލިބޭ މުސާރައިގެ އާމްދަނީ އިން އެ ޓެކްސް ނަގަން ފަށާނީ އަންނަ އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން އެވެ.