ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ޑީއާރްޕީގެ މެންބަރު އަލީ ފަޒާލް އަދި ނައިބް ރައީސް ކަމަށް ޕީޕީއެމްގެ މެމްބަރު އަބުދުﷲ މުހައްމަދު ދީދީ ހޮވައިފި އެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސަކާއި ނާއިބު ރައީސަކު ހޮވުމަށް ނެގި ވޯޓްގައި ފަޒާލް ރައީސް ކަމަށް ހޮވިވަޑައިގަތީ އެ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުން ހަ މެންބަރުންގެ އިއްތިފާގުންނެވެ.
ނައިބް ރައީސް ކަމުގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފިކުރީ އާއި ޕީޕީއެމްގެ މެންބަރު އަބުދުﷲ މުހައްމަދު ދީދީ އެވެ. އަބްދުﷲ އެ މަގާމަށް ހޮވިވަޑައިގަތީ ހަތަރު ވޯޓުންނެވެ. ފިކުރީ އަށް ލިބިވަޑައިގަތީ ދެ ވޯޓެވެ.

ފުވައްމުލަކުގެ ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެދު ދާއިރާގެ ބައި އިލެކްޝަނެއް ބާއްވާފައި ވަނީ އަތޮޅު ކައުންސިލްގެ ރައީސްކަމުގައި ހުންނެވި އެމްޑީޕީގެ މެންބަރު ހަސަން ސައީދު ސާބިތު ދަރަންޏެއްގެ މައްސަލާގައި އޭނާގެ މެންބަރުކަމުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގައި މިހާރު ހިމެނިވަޑައިގަންނަ ވަނީ ޑީއާރުޕީގެ ތިން މެންބަރުންނާއި އެމްޑީޕީގެ ދެ މެންބަރުންނާއި އަމިއްލަ ގޮތުން ކުރިމަތިލައްވައިގެން ގޮނޑި ކާމިޔާބު ކުރެއްވި ޕީޕީއެމްގެ މެންބަރެއްގެ މައްޗަށެވެ.