27 Dec 2019, 18:10
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބޭނުންކުރާ ވޯޓު ކަރުދާހުގެ އަދަދު، ފަސޭހަވާނެ ގޮތަކަށް މަދުކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ 2017 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ބޭނުންކުރަން ޖެހުނީ ހަތަރު ލައްކަ ވޯޓު ކަރުދާސް ކަމަށެވެ.
ނަމަވެސް ގާނޫނަށް ގެނެސްފައިވާ ބަދަލާއެކު ކޮންމެ ވޯޓަކަށް ވަކިން ކަރުދާސް ހަދާނަމަ 1.1 މިލިއަން ވޯޓު ކަރުދާސް ޗާޕު ކުރަން ޖެހޭ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ކޮންމެ ބަޔަކަށް ވަކި ވަކީން ވޯޓު ކަރުދާސް ހަދާ ކަމަށްވާނަމަ އިތުރު ވަގުތު ހޭދަވުމާއި ހަރަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ވަކި ވަކި ކަރުދާސްކޮޅުތަކެއް ހުރެފި ކަމަށްވާނަމަ އިދާރީ ގޮތުން އިލެކްޝަންސް ކޮމިޝަންގައި ތިއްބަވާ ބޭފުޅުންނަށްވެސް އޮޅުން އެރުމާއި އަދި ވޯޓުލާން އަންނަ ފަރާތްތަކަށް އޮޅުން އަރާފާނެ ކަމަށް ބަލާފައި މި މަޝްވަރާ ކުރަމުން ދަނީ ވޯޓު ކަރުދާސް މަދުކުރުމަށް،" އޭނާ ވިދާޅުވިއެވެ.
އެގޮތުން ވޯޓުލާ ބައިތައް ވަކިވަކީން ކަރުދާހުގައި ޗާޕުކުރުމުގެ ބަދަލުގައި މިހާރު މަޝްވަރާ ކުރަމުން ދަނީ އެ ބައިތައް އެއް ގަނޑެއްގައި ޗާޕުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ސަބަބުން ވޯޓު ގުނުމުގައިވެސް ދިމާވާނެ ދަތިތަކަށާއި ދައުލަތުގެ ބަޖެޓަށް އަންނަ ދަތިކަމަށްވެސް ލުޔެއް ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.