28 Dec 2019, 10:09
ނެޓްފްލިކްސް އިން ދާދި ފަހުން ނެރުނު ޝޯ، "ދަ ވިޗާ"ގެ އިތުރު ދެ ސީޒަނެއް އުފެއްދުމުގެ ފެހި ސިގްނަލް ދީފިއެވެ.
ވިޗާ ވާހަކަ ސީރީޒް އަސްލަކަށް ބަލައިގެން ނެޓްފްލިކްސް އިން ތައްޔާރުކޮށްފައިވާ ޝޯގެ ފުރަތަމަ ސީޒަން ވަނީ މިދިޔަ ހަފްތާ ބަންދުގައި އަޅުވާފައެވެ. އެއާއެކު އެ ޝޯއަށް ގިނަ ބައެއްގެ ލޯބި ދަނީ ލިބެމުންނެވެ.
ޝޯ ނެރުނުތާ މަހެއް ނުވާއިރު އެ ޝޯގެ ދެވަނަ އަދި ތިންވަނަ ސީޒަނެއް ނެރޭނެ ކަމުގެ ހުއްދަ ދޭނެ ކަމުގެ ވާހަކަތައް މިހާރު ވަނީ ދެކެވެން ފަށައިފައެވެ.
ނެޓްފްލިކްސް އިން ވަނީ ވިޗާގެ ފުރަތަމަ ސީޒަން ޕްރިމިއާ ކުރުމުގެ ކުރިން ދެވަނަ ސީޒަނަކަށް އެ ޝޯ ރިނިއުކޮށްފައެވެ. އެހެންނަމަވެސް ތިންވަނަ ސީޒަނަކަށްވެސް ރިނިއު ކުރާނެ ކަމުގެ ވާހަކަ ދެކެވިފައިވަނީ ވަރަށް ފަހުންނެވެ. އެކަމާ ގުޅޭގޮތުން ނެޓްފްލިކްސްގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.
ވިޗާގެ ޕްރިމިއާ ދާދި ފަހުން ނިމުނުއިރު ޕްރޮޑަކްޝަން ޓީމުން ދަނީ ދެވަނަ ސީޒަންގެ ތައްޔާރީތައް މިހާރުވެސް ކުރަމުންނެވެ. އެގޮތުން ދެވަނަ ސީޒަންގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅު ފަށާނެއެވެ.
ތުންތުން މަތީން ދެކެވޭ ވާހަކަތަކުން ބުނާގޮތުގައި އެ ޝޯގެ ދެވަނަ ސީޒަން ޕްރިމިއާ ކުރާނީ 2021 ވަނަ އަހަރުގައެވެ.