27 Dec 2019, 14:03
ނުވަދިހައިގެ ފަހުކޮޅު ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ޖޫހީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ އޭނާގެ އާއިލާއާއެކުގައެވެ.
ދާދި ފަހުން ސޯޝަލް މީޑިއާގައި ޖޫހީ ޕޯސްޓުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ އޭނާގެ އާއިލާއާއެކު "ސަންސެޓު ކްރޫޒް"އެއްގައި އުޅެނީ ކަމަށެވެ.
އަދި ސަންސެޓު ކްރޫޒުގައި އުޅުން އިރު ކޯމަސްތަކެއް ފެނިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ޖޫހީއާ އެކުގައި އެ ދަތުރުގައި އޭނާގެ ފިރިމީހާ ޖޭ މެހެތާ އާއި އޭނާގެ ދަރީންގެ އިތުރުން އާއިލާގެ އެހެން މެމްބަރުންވެސް ބައިވެރިވެފައިވެއެވެ.
ޖޭ މެހެތާ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާގޮތުގައި ޖޫހީ އާއި އާއިލާ ޗުއްޓީ ހޭދަކުރަމުން ދަނީ ފޯ ސީޒަންސްގެ ރިޒޯޓެއްގައެވެ.
މިދިޔަ އަހަރުގެ ކްރިސްމަސް އާ ދިމާކޮށްވެސް ޖޫހީ ވަނީ އޭނާގެ އާއިލާއާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ. އަދި ޗުއްޓީ ހޭދަކުރުމަށްފަހު އަނބުރާ އިންޑިއާއަށް ގޮސްފައިވަނީ އާ އަހަރުވެސް ރާއްޖޭގައި ފާހަގަކުރުމަށްފަހުގައެވެ.