29 Nov 2011, 09:37
ޖީއެމްއާރް އިބްރާހިމް ނާސިރު އެއާޕޯޓުން: މުހައްމަދު ޝާން
އަންނަ މަހުގެ ދޭކުން އެގާރަ އަށް އިންޑިޔާގެ ވެރިރަށް ދިއްލީގެ ނެހްރޫ ސްޓޭޑިއަމްގައި ބާއްވާ ނުވަ ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މެޗުތަކުގެ ރޮނގު ބެލެހެއްޓުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ ފީފާ އެސިސްޓެންޓް ރެފްރީ މުހައްމަދު ފަރީދު މިއަދު އިންޑިއާ އަށް ދިއުމަށްޓަކައި ފުރައިފި އެވެ.
ފަރީދު އިންޑިއާ އަށް ދިއުމަށް ޓަކައި ފުރާފައިވަނީ ލަންކާ މަގުންނެވެ. މިއަދު ހެނދުނު 9:15 ގައި ޖީ.އެމް.އާރް އިބްރާހިމް ނާސިރު އެއާޕޯޓުން ފަރީދު ފުރީ ސްރީލަންކަން އެއާލައިންސް އިން ނެވެ. ފަރީދަކީ މިމުބާރާތުން ފުރުސަތު ލިބުނު ހަމައެކަނި ދިވެސް ރެފްރީ އެވެ.
ފަރީދުގެ އިތުރުން ހަތް އެސިސްޓެންޓް ރެފްރީން އޭއެފްސީ އިން މުބާރާތަށް ކަނޑައަޅާފައި ވެއެވެ. އެއީ އިންޑިއާގެ ނައިރް ޑިނޭޝް އާއި ފެނާންޑެސް ފްރެންސިސްކޯ ފްރެންކީ އާއި ކިރްގިސްތާނުގެ ގްރިޝެންކޯ ސެރްގެއީ ޗައިނާގެ ޒޮންގް ޔޮންގް އާއި އާއި ސީރިއާގެ ސުބޭހް އަނަސް އަދި ސްރީ ލަންކާގެ ޑިއާސް ބުދިކާ އާއި ސިންގަޕޫރުގެ ލިމް ކޮކް ހެންގް އެވެ.
ސާކްގެ އަށް ޤައުމު ވާދަކުރާ މިފަހަރުގެ މުބާރާތުގައި ރޮނގު ބެލެހެއްޓުމުގެ ފުރުސަތު ފާރީދަށް ލިބުނު އިރު، މުބާރާތުގައި އޭނާ ފެނިގެންދާނީ ގްރޫޕް އޭގައި ހިމެނާ މުބާރާތް ބާއްވާ އިންޑިޔާ އާއި އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާން ކުޅޭ މެޗްތަކުންނެވެ. ގްރޫޕް އޭގައި ހިމެނެނީ ދިވެހިރާއްޖެ އާއި، ނޭޕާލް އާއި، ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ.