27 Dec 2019, 14:11
މިދިޔަ ނޮވެމްބަރު މަހުގައިވެސް ކުޑަކުއްޖެއް ލައްވައި ހަށިވިއްކުވި މައްސަލައެއް ބަލާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި ފާއިތުވި ދެ މަހެއްގައި ވަނީ ކުޑަކުދިން ލައްވާ ހަށިވިއްކުވި މައްސަލަތަކެއް މިނިސްޓްރީން ބަލާފަ އެވެ. އެގޮތުން މިިިޔަ މަހު އެފަދަ މައްސަލައެއް ބެލިއިރު އޭގެ ކުރީ މަހުގައި ވަނީ އޭގެ ތިން މައްސަލަ ބަލާފަ އެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ނޮވެމްބަރު މަހުގައި ވަނީ ޖުމްލަ 174 މައްސަލައަށް އެޓެންޑުކޮށްފައެވެ.
މިނިސްޓްރީން ބަލާފައިވާ 174 މައްސަލަތަކުގެ ތެރެއިން 75 މައްސަލައަކީ ކުޑަކުދީންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ގުޅޭ މައްސަލަތަކެވެ.
އެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އިހުމާލުގެ މައްސަލަތައް ކަމަށްވާއިރު މިދިޔަ މަހު އިހުމާލުގެ 23 މައްސަލައެއް ވަނީ ބަލާފައެވެ.
އޭގެއިތުރުން ޖިސްމާނީ ހާނީއްކައިގެ 21 މައްސަލައާއި ޖިންސީ ހާނިއްކައިގެ 20 މައްސަލަ އަދި ނަފްސާނީ ހާނިއްކައިގެ ފަސް މައްސަލަވެސް މިދިޔަ މަހު ބެލި މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.
މިދިޔަ މަހު ހުށަހަޅާފައިވާ މައްސަލަތަކަކީ އޮކްޓޯބަރު މަހު މިނިސްޓްރީން ބަލާފައިވާ މައްސަލަތަކަށްވުރެ މަދު އަދެކެވެ. އެގޮތުން މިިދިޔަ އޮކްޓޯބަރު މަހުގައި މިނިސްޓްރީން ވަނީ 240 މައްސަލައެއް ބަލާފައެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ 122 މައްސަލައެއް ހިމެނެއެވެ.