ނޫރުސުލްތާން (ޑިސެމްބަރު 27): ކަޒަކިސްތާނުގެ އަލްމަޓީ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިއަށް މިއަދު މަތިންދާބޯޓެއް ވެއްޓި، 14 މީހަކު މަރުވެއްޖެ އެވެ.

ކަޒަކިސްތާނުގެ ސިވިލް އޭވިއޭޝަން އޭޖެންސީ (ސީއޭއޭ)އިން ބުނި ގޮތުގައި އެގައުމުގެ އެޔާލައިނެއް ކަމަށްވާ ބެކް އެޔާގެ އެ ބޯޓު ވެއްޓުނީ އެގައުމުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އަލްމަޓީ އިން ވެރިރަށް އާސްތާނާއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އަދި ބޯޓު ނައްޓާލިތާ މާގިނަ އިރުތަކެއް ނުވެ އެބޯޓު ވަނީ ވެއްޓި، ކޮންކުރީޓުން ހަދާފައިވާ ބެރިއަރަކާއި އިމާރާތެއްގަ ޖެހިފަ އެވެ.

އެ ބޯޓު ވެއްޓުނު އިރު އޭގައި 100 މީހުން ތިއްބެވެ. އޭގެ ތެރެއިން 14 މީހަކު މަރުވެ، 60 މީހުންނަށް އަނިޔާވެފައިވާ ކަމަށް ސީއޭއޭއިން ބުންޏެވެ. އަދި މަރުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިން ހިމެނޭ ކަމަށާއި އަނިޔާވި މީހުންނަށް ފަރުވާ ދެމުންދާ ކަމަށް ކަޒަކިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.

ކަޒަކިސްތާނުގެ ސަރުކާރުން ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަން ހާއްސަ ކޮމިޝަނެއް އެކުލަވާލާފަ އެވެ.