ދިއްލީ (ޑިސެމްބަރު 27): އިންޑިއާގައި ޖިންނި ފެންނަ ކަމަށާއި ޖިންނި އަވަލާފައިވާ ކަމަށް ބުނާ މީހުންނަށް ފަރުވާ ދޭނެ ގޮތް ޑޮކްޓަރުންނަށް ދަސްކޮށްދޭ ކޯހެއް ފަށަން އެގައުމުގެ ޔުނިވާސިޓީއަކުން ނިންމައިފި އެވެ.

ވަރަނަސީގައި ހުންނަ ބަނާރަސް ހިންދޫ ޔުނިވާސިޓީ (ބީއެޗްޔޫ)އިން ފަށާ އެ ހަ މަހުގެ ކޯހުގައި އިސްކަން ދޭނީ "ސައިކޯސޮމޭޓިކް ޑިސްއޯޑާސް"އަށް ކަމަށް އޮފިޝަލުން ބުންޏެވެ. އެ ބަލިތަކަކީ އާންމު ގޮތެއްގައި "ޖިންނީގެ ސަބަބުން ޖެހޭ ބަލިތައް" ކަމަށް މީހުން ލަފާ ކުރާ ކަމަށް ބީއެޗްޔޫގެ އަޔުރުވެދާ ފެކަލްޓީގެ ޑީން ޔަމިނީ ބުޝާން ޓްރިޕަތީ ވިދާޅުވި އެވެ.

"ބޫތު ވިދުޔާ ކޯހުން އިސްކަން ދޭނީ ސައިކޯސޮމޭޓިކް ޑިސްއޯޑާތަކަށް، އެއީ ގޮތްނޭނގޭ ސަބަބުތަކާ ހެދި ޖެހޭ ބަލިތަކާއި ނަފްސާނީ މައްސަލަތަކާ ގުޅުން ހުރި ޖިސްމާނީ ބަލިތައް،" ޓްރިޕަތީ ވިދާޅުވި އެވެ.

އެ ކޯސް ކުރިއަށްގެންދާނީ ބީއެޗްޔޫގެ އަޔުރުވެދިކް ފެކަލްޓީއިންނެވެ. އަޔުރުވެދިކް ތެރަޕީގައި ފަރުވާ ދޭނީ ފަތްޕިލާވެލި ބޭނުންކޮށްގެންނާއި ކެއުމަށް ބަދަލު ގެނެސްގެންނާއި މަސާޖާއި ކަސްރަތުގެ އެހީގަ އެވެ.

އިންޑިއާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތު އެންޑް ނިއުރޯސައިންސުން 2016 ވަނަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އެގައުމުގެ 14 ޕަސެންޓު މީހުންގެ ނަފްސާނީ މައްސަލަތައް ހުރެ އެވެ. އަދި 2017 ވަނަ އަހަރު ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ވަނީ އިންޑިއާގެ 20 ޕަސެންޓު މީހުން ދިރިއުޅުމުގެ ކޮންމެވެސް އެއް މަރުހަލާއެއްގައި ޑިޕްރެޝަނާ ކުރިމަތިލާ ކަމަށް ބުނެފަ އެވެ.

ނަމަވެސް އެގައުމުގެ އާބާދީ 1.3 ބިލިއަނަށް އަރާ އިރު، ނަފްސާނީ ބަލިތަކާ ބެހޭ ގޮތުން ހޭލުންތެރިކަން ކުޑަވެފައި އެފަދަ ބަލިތަކަށް ފަރުވާދޭން ތިބެނީ 4،000އަށް ވުރެ މަދު މީހުންނެވެ.

ބީއެޗްޔޫގެ ކޯސް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގަ އެވެ. އަދި ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ދޭން އެންމެ ރަނގަޅު ވާނީ ބޭހާއި ރިހެބިލިޓޭޝަން ދީގެންކަން ފާހަގަކޮށްފަ އެވެ.