29 Nov 2011, 09:34
ޕްރެމިއާ ލީގުގެ އެއްވަނާގައި މިވަގުތު އޮތް މެންޗެސްޓާ ސިޓީއަށް މިސީޒަނުގެ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތެއް ނެތް ކަމަށް ކުރީގެ މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ތަރި ޑޭވިޑް ބެކަމް ބުނެފި އެވެ.
ގިނަ ޚަރަދުތަކެއް ކޮށްފައިވާ މެންޗެސްޓާ ސިޓީގެ ޕްރެމިއާ ލީގު ސީޒަން ދަނީ ވަރަށް ކާމިޔާބު ކޮށެވެ. ލީގުގައި މެންސިޓީ އިން ތޭރަ މެޗު ކުޅުން އިރު އެއްވެސް މެޗަކުން ބަލި ވެފައެއް ނުވެއެވެ. މިސީޒަނުގައި މެންސިޓީ އަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ކުރީގެ ޗެމްޕިއަން މެންޔުނައިޓެޑް އާއި އެކު ކުޅުނު މެޗުން 6-1 ލަނޑުން މޮޅުވުމެވެ.
"ލީގު ކާމިޔާބު ކުރުމުގެ ފުރުސަތެއް މެންސިޓީ އަކަށް ނެތް. މިސީޒަނުގައި މެންސިޓީ ގައި މޮޅެތި ކުޅުންތެރިން އެބަ ތިބި. އެކަމަކު މެންޔުނައިޓެޑަކީ ތަޖުރިބާ ހުރި ޓީމެއް. އެޓީމަށް އެނގޭނެ ލީގު ހޯދަން ވެސް." ބެކަމް ބުންޏެވެ.
މިހާރު އެމެރިކާގެ މޭޖާ ލީގް ސޮކާ އަށް ކުޅެމުންދާ ބެކަމް ވިދާލީ މެންޔުނައިޓެޑް އަށް ކުޅުނު ދުވަސްވަރެވެ. ދިހަ އަހަރު ދުވަހު މެންޔުނައިޓެޑަށް ކުޅުމަށް ފަހު ރެއާލް މެޑްރިޑަށް ބެކަމް ބަދަލުވީ ފަންސަވީސް މިލިޔަން ޕައުންޑަށެވެ. ހަތަރު އަހަރު ދުވަހުގެ މުއްސަތެއްގައި މެޑްރިޑަށް ކުޅުމަށް ފަހު ގެލެކްސީ އަށް ބެކަމް ސޮއިކުރީ އަހަރަކަށް 6.5 މިލިޔަން ޑޮލަރަށެވެ. އެކުލަބުގައި ހުރެ ދެފަހަރެއްގެ މަތިން ބެކަމް ވަނީ ލޯނުގެ ދަށުން އޭސީ މިލާނަށް ކުޅެފައެވެ.