27 Dec 2019, 14:01
ވިދާޅުވި ބަހެއްގެ މާނައިން އެއްވެސް ރައްޔިތެއްގެ ހިތުގައި ނުތަނަވަސްކަމެއް އުފެދޭ ނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތްދޭ ފާހަގަކޮށްލެވޭ ކުންފުނިތަކުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ބައެއް މީހުންގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އެކަމާ ގުޅިގެން އޭނާގެ ވާހަކަތައް ސާފުކޮށްދީ ޓޫރިޒަމް މިނިސްޓްރީއިން އިއްޔެ ބަޔާނެއްވެސް ނެރުނެވެ.
ރޭ ކުރެއްވި ޓްވީޓެއްގައި އަލީ ވަހީދު ވިދާޅުވީ، އޭނާ ވިދާޅުވި ބަހެއްގެ މާނައިގެ ސަަބަބުން އެއްވެސް ރައްޔިތަކު ނުތަނަވަސް ވާނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަޅުގަނޑަށް ދެންނެވުނު ބަހެއްގެ މަހުފޫމުން ނުވަތަ މާނައިން އެންމެ ރައްޔިތަކަށްވެސް ހިތުގެ ނުތަނަވަސްކަމެއް ވާނަމަ މައާފަށް އެދެން. ރިސޯޓު މުވައްޒަފުންނާއި، އިންޑަސްޓްރީގެ މަސައްކަތުގައި މަހުން މަހަށް މީޑިއާއާއި ރައްޔިތުން ކުރިމަތީ ކުރި އިހުލާސްތެރި މަސައްކަތް މިނާނީ ތިޔަ ލޮބުވެތި ރައްޔިތުން،" އަލީ ވަހީދު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ފާޑުކިޔުން އަމާޒުވާން ފެށުމުން ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަތައް ފަތުރާ ކަމަށް ވިދާޅުވެ ރޭވެސް އަލީ ވަހީދު ޓްވީޓު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ އެންމެންގެ ހައްގުތައް ހިމާޔަތް ކުރައްވާނެ ކަމަށެވެ.
ސާވިސްޗާޖްއާ ބެހޭގޮތުން ދެއްކެވި ވާހަކަތައް ސާފުކޮށްދީ، ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނުގައި ބުނި މިނިސްޓަރު ޖުމްލަ ގޮތެއްގައި ސާވިސްޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ނުވަތަ ގޯސް ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުނުވާ ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފާހަގަކޮށްލެވޭ ބޮޑެތި "ކީ" އިންވެސްޓަރުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށެވެ.