26 Dec 2019, 21:23
ލޯކަލް ކައުންސިލު އިންތިހާބަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބާއްވާ އެތެރޭގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވަން އެ ޕާޓީއިން ނިންމައިފި އެވެ.
އަންނަ އޭޕްރިލް މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބަށް އެމްޑީޕީއިން ނެރޭ ކެންޑިޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީއާ ގުޅޭ ޓައިމްލައިން މިރޭ އެ ޕާޓީއިން ވަނީ ހާމަކޮށްފައެވެ.
ޓައިމްލައިނުގައިވާ ގޮތުން އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވާނީ ޖެނުއަރީ 10 ވަނަ ދުވަހު އެވެ.
ވޯޓާސް ލިސްޓު އާންމު ކުރާނީ ހަތެއް ޖެނުއަރީގައެވެ. އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ދޭނީ ތިން ދުވަހެވެ. އެއަށް ފަހު ފައިނަލް ވޯޓާސް ލިސްޓު 15 ޖެނުއަރީގައި އާންމު ކުރާނެ އެވެ.
ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރާނީ ޖެނުއަރީ 13ގައެވެ. އަދި އިންތިހާބު ބާއްވާނީ ޖެނުއަރީ 31 ވަނަ ދުވަހު އެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި މެޖޯރިޓީ ގޮނޑިތައް ހޯދި އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން އިންތިހާބުތަކުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ޕްރައިމަރީއެއް ބާއްވައިގެންނެވެ.