29 Nov 2011, 09:25
ކުއާލަލަމްޕޫރު (ނޮވެމްބަރ 29) : މެލޭޝިޔާ ސަރުކާރުން ސިޔާސީ އިސްލާޙުތަކުގެ ޕެކެޖެއް އިޢްލާންކޮށްފި އެވެ.
މިޕެކެޖް އިޢްލާން ކުރައްވަމުން ބޮޑުވަޒީރު ނަޖީބް ރައްޒާޤް ވިދާޅުވީ މިއީ މެލޭޝިޔާގެ މުޖްތަމަޢު ސިޔާސީ ގޮތުންނާއި އިޤްތިސާދީ ގޮތުންނާ އަދި އިޖްތިމާޢީ ގޮތުން ތަސައްރަފް ފުދެމުންދާ ވަރަކަށް ސިޔާސީ އިސްލާޙުތައް ގެނައުމަށް އޭނާ ވެވަޑައިގެންފައިވާ ވަޢްދުތަކުގެ ބައެއް ކަމުގަ އެވެ. މީގެ ތިން އަހަރު ކުރިން މެލޭޝިޔާގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ނަޖީބް ރައްޒާޤް ވަނީ އޭނާގެ ވެރިކަމުގައި ސިޔާސީ އިސްލާހްތައް ގެންނެވުމަށް ވަޢްދުވެވަޑައިގެންފަ އެވެ.
ނަޖީބް ރައްޒާޤް އިޢްލާންކުރެއްވި އިސްލާޙްތަކުގެ ތަކުގެތޭގައި ކުއްލި ޙާލަތުގެ 3 ޤާނޫނެއް އުވާލުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިތުރަށް ފުޅާކުރުން ހިމެނެ އެވެ. އަދި 1966، 1969 އަދި 1977 ގައި ހަދާފައވާ ކުއްލި ޙާލަތުގެ ޤާނޫނުތައް އުވާލުން ވެސް މިއިސްލާޙްތަކުގެ ތެރޭގައި ހިމެނެ އެވެ. މުޒާހަރާތައް ރޫޅާލުމަށް ފުލުހުންނަށް ދީފައިވާ އިޚްތިޔާރުތައް ވެސް މި އިސްލާޙްތަކާއެކު ވަނީ ކުޑަވެގެން ގޮސްފަ އެވެ. މީގެއިތުރުން އިނގިރޭސި އިސްތިޢްމާރުގެ ދުވަސްވަރު މެލޭޝިޔާގައި ޢަމަލުކުރަން ފެށި ހައްޔަރުކުރުމުގެ ޤާނޫނާއި ބޭނުންވެއްޖެ ހިނދެއްގައި އިތުރު މުއްދަތުތަކަށް ކުށްވެރިން ހައްޔަރުކުރުމުގެ ޤާނޫނާއި ޤައުމުން މީހުން ބޭރުކުރުމުގެ ޤާނޫނު ވެސް މިއިސްލާޙްތަކާ އެކު އުވާލެވޭނެ އެވެ. އިނގިރޭސި އިސްތިޢްމާރުން މެލޭޝިޔާ މިނިވަންވެފައި ވަނީ 1957 ވަނަ އަހަރު އެވެ.
ނަޖީބް ރައްޒާޤް އިޢްލާން ކުރެއްވި ސިޔާސީ މިއިސްލާޙްތަކަށް މެލޭޝިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ ފާޑުކިޔާފަ އެވެ. އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްގެ ޕާޓީން މެލޭޝިޔާގެ ދެކުނުގެ ޖޮހޯރު ބާރޫގައި ބޭއްވި އެ ޕާޓީގެ ޖެނެރަލް ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އަންވަރު ވިދާޅުވީ ބޮޑުވަޒީރު ރައްޒާޤްގެ އިސްލާޙްތަކަކީ އިންތިޚާބީ އުކުޅެއް ކަމުގަ އެވެ.
އަންވަރު ވިދާޅުވީ މެލޭޝިޔާގެ ދައުލަތުގެ މީޑިޔާ ވަނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި ދައުލަތުގެ މީޑިޔާ އިން ފަތުރަމުން ގެންދަނީ ސަރުކާރު ޕްރޮމޯޓްކުރުމަށް ބޭނުންވާ ޕްރޮޕަގެންޑާތައް ކަމުގަ އެވެ. އިދިކޮޅު ލީޑަރެއްގެ ޙައިޘިއްޔަތުން ޤައުމުގެ ރައްޔިތުންނާ މުޚާތަބު ކުރުމުގެ ފުރްސަތު އެންމެ މިނިޓަކަށް ދިނުމަށް ވެސް ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ދައުލަތުގެ މީޑިޔާ އިން ދެކޮޅުހަދާކަމަށް އަންވަރު ވިދާޅުވި އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ޑިމޮކްރެޓިކް އިސްލާޙްތަކާ ބެހޭ ގޮތުން ސަރުކާރުގެ އިސްވެރިންގެ ވާހަކަތަކާ ސަރުކާރުގެ ޢަމަލުތައް ދިމާނުވާ ކަމަށް އަންވަރު ތުހުމަތުކުރެއްވިއެވެ. (އަލްޖަޒީރާ)