26 Dec 2019, 19:10
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދީފައިވާ ނަންތަކާ ބެހޭގޮތުން އެއްވެސް ހިޔާލެއް އޮތް ނަމަ ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދިން ނަންތަކާ މެދު ހިޔާލެއް އޮތް ނަމަ މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން ސިޓީއިން ނުވަތަ އީމެއިލްއިން ނުވަތަ ފޭސްބުކް ނުވަތަ ޓްވިޓާ މެދުވެރިކޮށް ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ބަލާއިރު މާލޭ ސިޓީގައި އިންތިހާބީ 18 ދާއިރާއެއް އޮވެއެވެ. އެއީ، ހުޅުމާލެ ދާއިރާ، ހެންވޭރު އުތުރު ދާއިރާ، މެދު ހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، ގަލޮޅު އުތުރު ދާއިރާ، ގަލޮޅު މެދު ދާއިރާ، ގަލޮޅު ދެކުނު ދާއިރާ، ގަލޮޅު ހުޅަނގު ދާއިރާ، މައްޗަންގޮޅި އުތުރު ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާފައްނު މެދު ދާއިރާ، މާފައްނު އުތުރު ދާއިރާ، މާފައްނު ހުޅަނގު އުތުރު ދާއިރާ، މާފައްނު ހުޅަނގު ދާއިރާ، މާފައްނު ދެކުނު ދާއިރާ އަދި، ވިލިމާލޭ ދާއިރާ އެވެ.
އައްޑޫ ސިޓީގެ 12 ދާއިރާއަށް ދީފައިވާ ނަންތަކަކީ، ހިތަދޫ އޮޑައްސަރު ދާއިރާ، ހިތަދޫ ކޮރޮވަލު ދާއިރާ، ހިތަދޫ ބޭރުމަތި ދާއިރާ، ހިތަދޫ މެދުވަލު ދާއިރާ، ހިތަދޫ ރަސްގެދަރަ ދާއިރާ، ހިތަދޫ މާމެންދޫ ދާއިރާ، މަރަދޫ ދާއިރާ، މަރަދޫފޭދޫ ދާއިރާ، ފޭދޫ އުތުރު، ފޭދޫ ދެކުނު، ހުޅުދޫ ދާއިރާ އަދި މީދޫ ދާއިރާ އެެވެ.
ފުވައްމުލައް ސިޓީގެ ހަ ދާއިރާއަށް ދީފައިވާ ނަންތަކަކީ ފުވައްމުލައް ހުޅަނގު އުތުރު ދާއިރާ، ފުވައްމުލައް އިރު އުތުރު ދާއިރާ، ފުވައްމުލައް މެދު އުތުރު ދާއިރާ، ފުވައްމުލައް ހުޅަނގު ދެކުނު ދާއިރާ، ފުވައްމުލައް މެދު ދެކުނު ދާއިރާ، އަދި ފުވައްމުލައް އިރު ދެކުނު ދާއިރާ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ ތެރޭގައެވެ. ދެ އިންތިހާބުވެސް އޮންނާނީ އެއް ދުވަހަކު އެވެ.
މިފަހަރުގެ ލޯކަލް ކައުންސިލު އިންތިހާބުގައި އަތޮޅު ކައުންސިލުގެ ރައީސް ހޮވާނީ މުޅި އަތޮޅުގެ ހުރިހާ ރައްޔިތުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. އަދި މިފަހަރުގެ އިންތިހާބުގައި ކައުންސިލުތަކުގެ 33 ޕަސެންޓު އަންހެން މެމްބަރުންނަށް ހާއްސަ ކުރެވިފައިވެއެެވެ.