26 Dec 2019, 18:01
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ސިނަމާލެ ބްރިޖުމަތީގައި ކާރުތަކެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޑްރައިވަރެއްގެ ލައިސެންސް ބާތިލުކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި މާލެއާ ވީ ކޮޅަށް ދުއްވަމުން އައި ހުދު ކުލައިގެ ޖިޕެއް ކޮންޓްރޯލު ނުވެ، ބްރިޖުގެ ޓްރެފިކް ލައިޓަށް މަޑުކޮށްފައި އޮތް ތިން ކާރަކާއި ސައިކަލެއްގައި ޖެހިގެންނެވެ.
ޖިޕު ދުއްވަން އިނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުުމުރުން 27 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ ލައިސެންސް އިއްޔެ ބާތިލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ލައިސެންސް ދޫނުކުރަން ޓްރާންސްޕޯޓު އޮތޯރިޓީއިން ނިންމާފައިވާ ކަމަށް ބުންޏެވެ.

ޑިސެމްބަރު، 20، 2019: މާލޭ ކޮޅުން ބުރިޖު ލައިޓް ކައިރިން ހިނގި ރޭ ދަންވަރު ހިނގި އެކްސިޑެންޓް: ތިން ކަރާކާއި ސައިކަލަކަށް ގެލުންވި ނަމަވެސް އެއްވެސް މީހަކަށް ސީރިޔަށް އަނިޔާއެއް ލިބިފައި ނުވޭ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
އެ އެކްސިޑެންޓުގައި އެންމެ ބޮޑު އަނިޔާއެއްވީ ޖިޕު ދުއްވަން އިން މީހާއަށެވެ. އޭނާއަށް މިހާރުވެސް އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ. އެކްސިޑެންޓުގައި ދެން އަނިޔާވި ހުރިހާ އެންމެންނަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.