26 Dec 2019, 16:38
ރިޔާސީ އިންތިހާބަށް ފަހު އައި، އާ ސަރުކާރަކާ އެކު ރާއްޖޭގައި އޮތް ހަލަބޮލިކަމަށް ނިމުމެއް އައިސް، ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ވަނީ ރާއްޖެއަށް އައިސްފަ އެވެ. އެއާ އެކު އެންމެ ބޮޑު އުފަލެއް ލިބެނީ ޓޫރިޒަމް ސިނާއަތަށެވެ. މި ދަނޑިވަޅުގެ ބޭނުން ހިފައި، ޓޫރިޒަމް ސިނާއަތް އާ ހަރުފަތަކަށް ގެންދިޔުމަށް އެންމެ ބޮޑު މަސައްކަތެއް ކުރައްވަނީ މިނިސްޓަރު އަލީ ވަހީދެވެ.
އެތައް ގޮންޖެހުމަކާއި ފާޑުކިޔުމެއްގެ ތެރެއިން ވެސް އެ މަސައްކަތުގައި ފަހަތަށް ނުޖެހި ހުންނެވި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިއަހަރު ހާސިލު ކުރެވުނީ އާދައިގެ ކަންކަމެއް ނޫނެވެ. އަހަރު ދުވަހެއްގެ ތެރޭގައި މިހާތަނަށް ހާސިލްވެފައި ނުވާ ވަރުގެ ކުރިއެރުން ވަނީ ސިނާއަތަށް ހޯދައިދެވިފަ އެވެ.
"މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކާމިޔާބު އަހަރެއް. ފަހަކަށް އައިސް އެންމެ ގިނަ އަދަދެއްގެ އެޗީވުމަންޓްސް އެއް އަހަރެއްގެ ތެރޭގައި އައި އަހަރޭ ބުންޏަސް ދޮގަކަށް ނުވާނެ،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.
މީގެ ހެއްކެއްގެ ގޮތުން މިނިސްޓަރު އަލީ ފާހަގަ ކުރެއްވީ މި އަހަރު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށް، މި އަހަރު ރާއްޖެ އަމާޒު ހިފި އަދަދު ވެސް ފަހަނަ އަޅައި ދިއުމެވެ. އަހަރު ނިމުމުގެ ދެ މަހެއްހާ ދުވަސްކުރިން ރާއްޖެއިން ވަނީ ޓާގެޓަށް ވާސިލްވެ ރެކޯޑް ހަދައިފަ އެވެ. އެ ކާމިޔާބީގެ ސިއްރަކީ އަލީ ވަހީދު ސިފަކުރެއްވި ގޮތުގައި އިންޑަސްޓްރީގެ ހުރިހާ ސްޓޭކް ހޯލްޑަރުންނާ ގުޅިގެން އެކީގައި މިނިސްޓްރީއަށް ކުރެވުނު މަސައްކަތްތަކެވެ.
މިނިސްޓަރު އަލީ ވަހީދު ހަފްލާއެއްގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އެކެއް ޕޮއިންޓް ހަރު މިލިއަން ފަތުރުވެރިން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރުމާ ގުޅިގެން މިއަހަރު މި ނިކުތީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމުގެ މަޤްސަދުގައި. އަޅުގަނޑުމެން އަހަރު މި ނިންމާލަނީ 1.6 މިލިއަނަށް ވުރެ އިތުރު ފަތުރުވެރިންނާ އެއްކޮށް. އަދި ޑިސެމްބަރު 31ގެ ނިޔަލަށް 1.67 މިލިއަނަށް އެރުމަކީ އެކަށީގެންވާ ކަމެއް. މިއީ ރާއްޖެއަށް އައި ސުލްހަ މަސަލަސްކަމާއި ހަމަޖެހުމުގެ ނަތީޖާ އަދި ފަތުރުވެރިިކަމުގެ ސިނާއަތުގެ ހުރިހާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.
މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އަހަރެއް ކަން ފާހަގަކުރައްވައި މިނިސްޓަރު އަލީ ވިދާޅުވީ، އަންނަ އަހަރަށް ރާވާ ހަރަކާތްތައް މިއަހަރަށް ވުރެ ވަރުގަދަ ކުރުމަށްޓަކައި މިއަހަރު ކުރިއަށްގެންދިޔަ ހަރަކާތްތައް ރިވިއު ކުރައްވާނެ ކަމަށެވެ.
މިނިސްޓްރީގެ ހާއްސަ ބައެއް ހަރަކާތްތައް:
ގެސްޓްހައުސް ސިމްޕޯޒިއަމް
- 19 ރަށެއްގައި ކުރިއަށް ގެންދިޔަ ވޯޓާ ސޭފްޓީ ޕްރޮގްރާމް
- ރަށްރަށުގައި ބީޗް ސްކައުޓުންގެ ހިދުމަތް ތައާރަފު ކުރުން
- ޕެރަމޮޓޯ އިވެންޓް 2019 (ސްކައި ގައިޒް ޕވޓ. ލޓޑ އާއި ގުޅިގެން)
- ބާ ބީއާރް ކްރޯލް
- ސޭފްޓީ އެންޑް ސެކިއުރިޓީ އޮޑިޓް (ޓޫރިޒަމް ހިދުމަތް ދޭ 1060 ތަން ބަލައި ފާސްކުރި)
- ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ޓޫރިޒަމް އެކްސްޕޯޝާ ޓްރިޕްސް
މީގެ އިތުރުން އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެޓޯލް ކޮންފަރެންސްތަކަކާއި ގެސްޓްހައުސްތަކާއި ޓްރެވަލް އޭޖެންސީތައް އިންސްޕެކްޓު ކުރަން ދަސްކޮށްދޭ ކައުންސިލް ޓްރެއިނިންގް ޕްރޮގްރާމްތަކެއް ވެސް މިއަހަރުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިނިސްޓަރު އަލީ ވިދާޅުވީ މީގެ ކުރީ އަހަރުތަކާ ހިލާފަށް މިއަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކޮށްފައި ވަނީ ވަރަށް ކުލަގަދަކޮށް، ގިނަ ހަރަކާތްތަކާއެކު ކަމަށެވެ.

ޑިސެމްބަރު 17، 2019: ޓޫރިޒަމް މިނިސްޓްރީން މިރޭ "ބުރަބި" ނަމުގައި ދަރުބާރުގޭގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
"ވަރަށް ޕޮޒިޓިވްކޮށް ރައްޔިތުންގެ ފަރާތުންނާއި އިންޑަސްޓްރީގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް [ކޮމެންޓް] ލިބުނީ." މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް ދުވަހު ކުރިއަށް ގެންދިޔަ ބައެއް ހަރަކާތްތަކުގެ ތެރޭގައި ޖަޒީރާ ކެނޯ ރޭސް، ފްރީޑައިވް ދުނިޔޭގެ ރިކޯޑު މުގުރާލުމުގެ އިވެންޓް، ކުޑަކުދިންގެ ފުޓްބޯލް ފިއެސްޓާ، ޓޫރިޒަމް ޖޮބް ފެއާ އަދި ޓޫރިޒަމް ކޮންފަރެންސް ހިމެނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާ އިރު މި އަހަރުގެ އޮކިއުޕެންސީ ރޭޓް 0.1 ޕަސެންޓް އަދި ޖުމްލަ ފަތުރުވެރިންގެ އަދަދު 14.9 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އަންނަ އަހަރަށް ރާވާފައިވާ ކަލަންޑަރުގައި ކޮންމެ މަހަކަށް ވެސް މަދުވެގެން ދެ ހަރަކާތް ވަނީ ހިމަނައިފަ އެވެ.
މި އަހަރު ކާމިޔާބުކަމާ އެކު، ޓޫރިޒަމް މިނިސްޓްރީ އިން ނިންމާލާއިރު އަންނަ އަހަރަށް، ރިސޯޓް ހަދަން 29 އާ ރަށެއް ދޫކުރަން ވަނީ އިއުލާންކޮށްފަ އެވެ. އެ ރަށްތަކުން މުޅިން އަލަށް، 13720 އެނދު އަދި 18670 އާ ވަޒީފާ އުފެދޭނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ
މިނިސްޓަރު އަލީ ވަހީދު ވަނީ، މިނިސްޓްރީއަށް އޮންނަ ކޮރަޕްޝަންގެ ތުހުމަތުތައް ކުޑަކުރުމަށް ވެސް ފިޔަވަޅުތައް އަޅުއްވައިފަ އެވެ. އެގޮތުން، ރިސޯޓްތަކުން ދޭ ސީއެސްއާރުގެ ފައިސާ ޖަމާކުރާ މިނިސްޓްރީގެ ޓްރަސްޓް ފަންޑުގެ ތަފްސީލްތައް ވަނީ އާންމުކުރައްވައިފަ އެވެ. އެގޮތުން، މިފަހުގެ ތާރީހުގައި މިނިސްޓްރީގެ ޓްރަސްޓް ފަންޑް ބޮޑު ނުވާ ވަރަށް ވަނީ ބޮޑުވެފަ އެވެ. އެގޮތުން މިއަހަރު ނިމޭއިރު، 24.61 މިލިއަން ރުފިޔާ އެ ފަންޑަށް ވަނީ ޖަމާވެ ފަންޑު ބޮޑުވެފަ އެވެ.

މިނިސްޓަރު އަލީ ވަހީދު ލިމްކޮކް ޔުނިވާސިޓީގައި--- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ކޮންމެ މަހަކު އެއްފަހަރު ނޫސްވެރިންނާ މިނިސްޓަރު ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ. އަދި އަހަރުތަކަކަށް ފަހު ޓޫރިޒަމަށް ރަށްތައް ދޫކުރަން ނިންމާފައި ވަނީ ވާދަވެރި ބީލަމުގެ އުސޫލުންނެވެ. މިނިސްޓަރު އަލީ ވިދާޅުވަނީ، މިނިސްޓްރީގެ ދޮރުތައް އަބަދު ވެސް ހުންނާނީ ހުޅުވާލާފައި ކަމަށާއި ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގެ ސްޓޭކް ހޯލްޑަރުންގެ ހައްގުތައް ފުރިހަމަޔަށް ހިމާޔަތް ކުރުމާއި އެ މީހުންގެ އަގު ވަޒަން ކުރުމާ އެކު، މުވައްޒަފުންގެ ހައްގުގައި ވެސް ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށް މިނިސްޓަރު ވައުދުވެ ވަޑައިގަންނަވަ އެވެ.
"އަޅުގަނޑު ކުރިއަށް ދާނީ އިންޑަސްޓްރީގެ ހުރިހާ ބޭފުޅުންގެ ހިޔާލާއި މަޝްވަރާގެ މަތިން. މި ސިނާއަތަށް ކާމިޔާބު ހޯދޭނީ އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުން." އަލީ ވަހީދު ވިދާޅުވި އެވެ.