28 Nov 2011, 21:08
މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުން އެ ކުދިން ކުރިއަށް ދިއުމަށް ބޭނުންވާނެ ރޮނގެއް ހިޔާރުކުރުމަށް އެހީތެރިވެދިނުމާއި ވިލާ ކޮލެޖުގައި އެފަދަ ކުދިންނަށް ހުރި ފުރުސަތުތައް އަންގައިދިނުމަށް އޯޕަންޑޭއެއް މިއަދު ފަށައިފި އެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި އެ އޯޕަންޑޭ ކުރިއަށް ދާނީ މާދަމާގެ ނިޔަލަށް ކަމަށާއި އޯޕަންޑޭގައި ވިލާ ކޮލެޖުގެ ގިނަ ފެކަލްޓީތަކެއް ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް އިސްލާމިކް ސްޓަޑީޒް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަން އާއި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ މެނޭޖްމަންޓް އެންޑް ޓުއަރިޒަމް ސްޓަޑީޒް އާއި ފެކަލްޓީ އޮފް މެރިން ސްޓަޑީޒް އެންޑް ވޯޓާސްޕޯޓްސްގެ އިތުރުން ސެންޓާ ފޯ ޕްރޮފެޝަނަލް ސްޓަޑީޒް އިން ބައިވެރިވެ މައުލޫމާތު ދޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
އަދި އޯޕަންޑޭގައި ކިޔެވުމާއި ދިރިއުޅުމުގައި ދިމާވާ ބައެއް ކަންކަމާ ގުޅޭ ގޮތުން ކައުންސިލިންގް ދިނުން ވެސް ކުރިއަށްދާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި އޯޕަންޑޭގައި ޖެނުއަރީ އިން ޓޭކަށް އެޕްލިކޭޝަން ފޯމް ހިލޭ ފުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށާއި އެޕްލިކޭޝަން ފުރައިގެން ގުރުއަތުން ހޮވޭ ފަރާތަކަށް ފައިސާގެ އިނާމެއްގެ އިތުރުން ވިލާ ކޮލެޖްގެ ފަރާތުން ހިލޭ ކިޔެވޭ ސްކޮލޮޝިޕެއް ލިބޭނެ ކަމަށެވެ.
ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ހުޅުވައި ދެއްވި އެ އޯޕަންޑޭ ކުރިއަށް ދާނީ ހަވީރު 4:30 އިން ރޭނގަޑު 10:00 އަށް ކަމަށް ވިލާ ކޮލެޖު ކިއު އައި ކެމްޕަސްގައި ކަމަށް އެ ކޮލެޖުން ބުންޏެވެ.