21 Jun 2010, 05:24
10:00
އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މާލެ އާއި އަތޮޅުތަކުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވީ އެޕާޓީގެ އަހަރީ ދުވަސް ކަމަށްވާ މިމަހުގެ 26 ވަނަ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ވަރަށް ގިނަ ތައްޔާރީ ތަކެއް ވަމުން އަންނަ ކަމަށެވެ. އެގޮތުން މާލެ އާއި އަތޮޅު ތަކުގައި އެމްޑީޕީ އޮފީސް ހުރި ރަށްރަށުގައި އެ ޕާޓީގެ ދިދަ ނެގުމާއި ޚާއްސަ ދުޢާ އެއްކުރުން ހިމެނޭ ކަމަށް ޝާހު ވިދާޅުވި އެވެ. ޝާހު ވިދާޅުވީ މީގެ އިތުރުން ވެސް އަހަރީ ދުވަހާއި ގުޅޭ ހާއްސަ ސަޕްލިމެންޓެއް ނެރުމާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސަބްސިޑީ އަދި މަދަނާއާއި ބެހޭ ގޮތުން އާންމުން ހެލުންތެރި ކުރުވުމުގެ ގޮތުން މަޢުލޫމާތު ދިނުން ހިމެނޭ ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި އެ ޕާޓީގެ އަހަރީ ދުވަހާއި ގުޅުވައިގެން އާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.