ކޮލަމްބޯ (ޑިސެމްބަރު 26): ސްރީލަންކާގެ ކުރީގެ ހެލްތު މިނިސްޓަރު ޑރ. ރަޖިތާ ސެނަރަތުނަ ހައްޔަރު ކުރަން އަމުރެއް ނެރުމުން އޭނާ ފިއްލަވައިފި ކަމަށް އެގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓު (ސީއައިޑީ)އިން ބުނެފި އެވެ.

ސީއައިޑީން ބުނި ގޮތުގައި ސެނަރަތުނަ ހައްޔަރު ކުރަން އޭނާ ދިރިއުޅޭ ގެޔަށް އިއްޔެ އޮފިސަރުން ދިޔުމުން، އޭނާ ހޯދިފައި ނުވެ އެވެ. އަދި އޭގެ ފަހުން އެ ޑިޕާޓްމެންޓުން ވަނީ ސެނަރަތުނަގެ އެހެން ގެތަކާއި ހޮސްޕިޓަލްތައްވެސް ބަލާ ފާސްކޮށްފަ އެވެ.

ސެނަރަތުނަ ހައްޔަރު ކުރަން މިދިޔަ އަންގާރަ ދުވަހު ކޮލަމްބޯ މެޖިސްޓުރޭޓު ކޯޓުން އަމުރު ނެރުނީ މިދިޔަ މަހުގެ 10އެއްގައި އޭނާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާ ގުޅިގެންނެވެ. އެބައްދަލުވުމުގައި، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި މީހުން ވަގަށް ނެގުމުގައި ބައިވެރިވި ކަމަށް ބުނާ ދެ މީހަކުވެސް ބައިވެރިވި އެވެ. އަދި ލަންކާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެބައްދަލުވުން ބޭއްވުމުގައި ޕީނަލް ކޯޑާ ހިލާފުވެފައިވާ ކަމަށް ބުނެފަ އެވެ.

އެ މައްސަލައިގައި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އިތުރު ދެ މީހުންވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ލަންކާގައި މިދިޔަ މަހުގެ 16އިގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސަ އެވެ. އަދި އޭނާ ވަނީ ބޭބޭފުޅު މަހިންދަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވާފަ އެވެ.

އެ ދެ ބޭފުޅުން ވަނީ 2009 ވަނަ އަހަރު ލަންކާގެ 26 އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ. ނަމަވެސް އެ ސަރުކާރުގެ މައްޗަށް ވަނީ އޭރު ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުކޮށްފަ އެވެ.