26 Dec 2019, 13:16
ކެމިކަލް ގުދަންތަކުގެ ސަލާމަތީކަންތައް ފުރިހަމަ ކުރުމަށް އިތުރު މުހުލަތެއް ދީފި އެވެ.
ޑިފެންސް މިނިސްޓްރީ އިން މި ހަފްތާ ކުރި އިއުލާނެއްގައި ބުނީ ކެމިކަލް ރައްކާކުރާ ގުދަންތައް ހަދާފައި ހުންނަން ޖެހޭ ކަންތައް ފުރިހަމަ ކުރުމަށް މިމަހުގެ 24 އިން ފެށިގެން ތިން މަހުގެ މުހުލަތެއް ދީފައިވާ ކަމަށެވެ.
އެގޮތުން ކެމިކަލް ރައްކާކުރާ ގުދަނުގެ ޕާޓިޝަން ޖެހުމުގައި ހިންނަންޖެހޭނެ މިންގަނޑު ފުރިހަމަ ކުރުމަށާއި އެތަނުގެ ދޮރިތަކުގައި ހުންނަންޖެހޭނެ މިންގަނޑު އަދި އަލިފާނ ނިއްވާ ނިޒާމު ގާއިމް ކުރުމުގެ މިންގަނޑު ފުރިހަމަ ކުރުމަށް ވަނީ އިތުރު މުހުލަތު ދީފައެވެ.
ޑިފެންސްގެ އިއުލާނުގައިވާ ގޮތުން ކެމިކަލް ރައްކާކުރާ ގުދަނުގެ އެތެރޭގައި ޕާޓިޝަންޖަހާނަމަ އެފަދަ ޕާޓިޝަންތަކާއި ގުދަނުގެ ބޭރު ފާރުތަކާއި ޕާޓިޝަންތައް ހަދާފައި ހުންނަންވާނީ މަދުވެގެން 90 މިނިޓުގެފަރާ ރެސިސްޓެންޓް މެޓީރިއަލަކުންނެވެ. އަދި ކެމިކަލް ރައްކާކުރާ ގުދަނުގެ ދޮރުތަކަކީ 90 މިނިޓުގެ ފަޔާ ރެސިސްޓަންޓް ދޮރުތަކެއް ކަމުގައި ވާންވާނެ ކަމަށާއި ކެމިކަލް ގުދަން ތަކުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ކަނޑައަޅާ ގޮތެއްގެ މަތީން އެކްޓިވް އަދި ޕެސިވް ފަޔާ ޕްރޮޓެކްޝަން ސިސްޓަމް ގާއިމް ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
ކެމިކަލް ގުދަންތަކުގައި ހުންނަންޖެހޭނެ މިންގަނޑު ކަނޑައަޅާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އަށްފަހުއެވެ. ހެންވޭރުގައި ހިނގި އެ ހާދިސާގައި އެކަކު މަރުވެ ހަ ގެ ވަނީ އަނދައި ހުލިވެފައެވެ. އެ ހާދިސާއަށްފަހު ނުރައްކާތެރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ.