ޗެލްސީގެ ސްކޮޑް އޮތީ ކޯޗް އަންދުރޭ ވިޔަސް ބޮއަސް އާއި އެކުގައި ކަމަށް އެޓީމުގެ ސްޕެއިން ފޯވާޑް ހުއާން މަޓާ ބުނެފި އެވެ.

ކާލޯ އެންޗޮލެޓީ އަށް ފަހު ޗެލްސީ އާއި ހަވާލުވި ވިޔަސް ބޮއަސް ފަހަކަށް އައިސް އެކުލަބަށް ކާމިޔާބީ އެއް ހޯދައިދެވިފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ވޮލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ވަނީ ފަސޭހަ ކަމާއެކު މޮޅުވެފަ އެވެ.

"މެޗުތަކުން ބަލިވުމަކީ އެއްވެސް ކުޅުންތެރިއެއް އަދި ކޯޗެއް ވެސް ބޭނުންވާނެ ގޮތެއް ނޫން. ޓީމެއްގެ ގޮތުގައި އަހަރެމެން ކޯޗަށް އިތުބާރު ކޮށް އަބަދު ވެސް ތިބޭނީ ކޯޗުގެ ފަހަތުގަ. ޗެލްސީ ޓީމު ހަރަކާތްތެރި ވަނީ އެކަތި ގަނޑެއްގެ ގޮތުގައި." މަޓާ ބުންޏެވެ.

ވޮލްސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭސް އިނީ ޗެލްސީ ގެ ބެންޗުގަ އެވެ. ޓޮރޭސް އަށް ވެސް ފުރިހަމަ އިތުބާރު ކުރާ ކަމަށް ވެސް މަޓާ ބުނެފައި ވެއެވެ.

"ޓޮރޭސް އަކީ ވިސްނުން ތޫނު ކުޅުންތެރިއެއް. ކޯޗު ކުޅެން އަރުވާ ވަގުތަކީ އޭނާ ތައްޔާރަށް ހުންނާނެ ވަގުތު. އެ ފުރުސަތުގައި އޭނާމާ މޮޅަށް ކުޅެ އަދި ގިނަ ގޯލުތަކެއް ވެސް ކާމިޔާބު ކުރާނެ." މަޓާ ބުންޏެވެ.