26 Dec 2019, 12:47
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދަން ހުޅުމާލޭ ރެހެންދި ސްކޫލް ހޯލު ދޫކުރެވެން ނެތް ކަމަށް ބުނުމުން އިދިކޮޅު ކޯލިޝަނުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ސްކޫލު ހޯލުގައި ޕާޓީގެ ހަރަކާތެއް ކުރިއަށް ގެންދަން އެދި ޕީޕީއެމް އިން ސްކޫލަށް ސިޓީ ފޮނުވީ މި މަހުގެ 22 ވަނަ ދުވަހުއެވެ.
އެ ސިޓީގެ ޖަވާބުގައި ރެހެންދި ސްކޫލުން ޕީޕީއެމްގެ ސެކްރެޓާރީ ޖެނެރަލް މުހައްމަދު ޝަކީލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ސިޔާސީ ހަރަކާތް ހިންގުމަށް ސްކޫލުގެ ތަންތަނާއި ތަކެތި ދޫނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާދީފައިވާ ކަމަށެވެ.
އެހެންކަމުން ޕީޕީއެމްގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ސްކޫލު ހޯލު ދޫކުރެވެން ނެތް ކަމަށް ސްކޫލުގެ ޕްރިންސިޕަލް، ނާޒިމް އަބްދުﷲ ސޮއިކުރައްވައި އެ ޕާޓީއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވައި ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީގެ ހަރަކާތްތައް ސްކޫލުތައް ދޫކުރީ ކޮން އުސޫލުކުންތޯ ސުވާލު އުފައްދަވައިފައެވެ.
އެގޮތުން އެމްޑީޕީގެ ޔޫތު ކޮންގްރެސް ކުރިއަށް ގެންދަން ހުޅުމާލެ ހުރަވީ ސްކޫލު ދޫކޮށްފައިވާތީ އާއި، އެޖެންޑާ19 ގެ ޖަލްސާ ބާއްވަން ހުޅުމާލެ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ދޫކޮށްފައިވާތީ ޝުޖާއު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
"ޕީޕީއެމްގެ ހަރަކާތަކަށް ރެހެންދި ސްކޫލް ނުދިނުމަކީ ލަދުވެތި ކަމެއް،" އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ޓެގު ކުރައްވައި ޝުޖާއު ވިދާޅުވިއެވެ.