މިއަދު ފާހަގަ ކުރަމުންދާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ތަހުނިޔާ ފޮނުވައިފި އެވެ.

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ، މީގެ 14 އަހަރު ކުރިން ޑިސެމްބަރު 26، 2004ގައި ކުރިމަތިވި ހިތާމަވެރި ސުނާމީ ކަރިސާއާ ގުޅިގެންނެވެ.

ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި ރައީސް ސޯލިހް ވިދާޅުވީ، އެ ދުވަހު ފުރާނަ ގެއްލުނު ހުރިހާ ދިވެހިން ރައްޔިތުނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި މާތްﷲގެ ހަޟްރަތުގައު ދުޢާ ދަންނަވާ ކަމަށެވެ.

މި އަހަރުގެ އެއްބައިވަތަކަމުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް އޮތީ އެ ކާރިސާއިން ބޮޑު ގެއްލުންތަކެއްވި ތ. ވިލުފުށީގަ އެވެ. އެގޮތުން އެ ރަށުގައި މިއަދު ސުނާމީ ބިނާއެއް ހުޅުވުމާއި، ދުވަހުގެ މުނާސަބަތުގައި ރަސްމީ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތްތަކުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެ ކާރިސާގައި ރާއްޖެއިން 82 މީހުން މަރުވެ، ގެއްލުނު މީހުންގެ އަދަދަކީ 26 އެވެ.