ޓެލްއަވީވް (ޑިސެމްބަރު 26):ޣައްޒާއިން އިސްރާއީލަށް ފޮނުވާލި ރޮކެޓަކުން ސަލާމަތްވުމަށް ޓަކައި ފިއްލަވަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް މަޖްބޫރުވެ ވަޑައިގެންފި އެވެ.

މިކަން ހާމަކުރަމުން އިސްރާއީލުގެ މީޑިއާއިން ބުނެފައިވަނީ ޣައްޒާއިން އިސްރާއީލަށް ފޮނުވާލި ރޮކެޓް އަމާޒުކޮށްފައިވަނީ އެވަގަތު ނަތަންޔާހޫ ހުންނެވި އިސްރާއީލުގެ ދެކުނުގެ ސިޓީ އެއްކަމަށްޥާ އަސްގަލާން އަށް ކަމަށާ އެހެންކަމުން އިސްރާއީލު ސިފައިން އެޅި ސަލާމަތީ އިންޒާރުތަކާއެކު ކުއްލި ހާލަތުގައި ބިންގަރާހަކަށް ވަނުމަށް ނަތަންޔަހޫއަށް މަޖްބޫރުވެ ވަޑައިގެންނެވި ކަމުގައެވެ. ޢަސްގަލާން އަކީ ޣައްޒާ ގެ ދެކުނާ އެންމެ 12 ކިލޯމީޓަރު ދުރުގައިވާ ކުރިން ފަލަސްތީނުގެ އަދި މިހާރު އިސްރާއީލުން ވެރިވެގެންފައިޥާ ސިޓީއެކެވެ.

ޣައްޒާއިން އެރޮކެޓް ފޮނުވާލުމުގެ މަސްއޫލިއްޔަތު ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއިލާ ދެކޮޅަށް ޖިހާދުކުރާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެއެވެ. އިސްރާއިލު ބުނާގޮތުން އެގައުމުގެ ސިފައިން ގާއިމްކޮށްފައިވާ ރޮކެޓުން ދިފާއުވުމުގެ ނިޒާމު (އަޔަންޑޯމް) ބޭނުންކޮށްގެން ފަލަސްތީނުގެ ރޮކެޓް ވަނީ ވައްޓާލާފައެވެ.

'ނަތަންޔާހޫ އަސްގަލާން އަށް ވަޑައިގެންނެވީ އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އިސްރާއީލުގެ އާންމު އިންތިޚާބަށް ކޭންޕޭން ކުރެއްވުމަށެވެ. އިސްރާއީލު ޓީވީ ޗެނެލްތަކުންވަނީ ފަލަސްތީނުން ފޮނުވާލި ރޮކެޓާއެކު އިސްރާއީލު ސިފައިން ދިން އިންޒާރާ ގުޅިގެން ނަތަންޔަހޫގެ ހަށިފާރަވެރިން އޭނާ އަތުލަފިކޮށްގެން ސްޓޭޖްމަތިން ބާލައިގެން ކައިރީގައި ހުރި ބިންގަރާހަކަށް ވައްދާ މަންޒަރު ދައްކާފައެވެ. އިއްޔެ ހަވީރު ހިނގި މިޙާދިސާއަށްފަހު އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުންވަނީ ޣައްޒާގެ ދެ ސަރަހައްދަކަށް ވައިގެ ވަރުގަދަ ޙަމަލާތަކެއްދީފައެވެ.

މިއީ ފަލަސްތީނު މުޖާހިދުންގެ ރޮކެޓުން ސަލާމަތްވުމަށްޓަކައި ފިއްލެވުމަށް ނަތަންޔާހޫ އަށް ޖެހިވަޑައިގެންނެވި ދެވަނަ ފަހަރެވެ. މިދިޔަ ސެޕްޓެމްބަރުމަހު ނަތަންޔާހޫ އިސްރާއީލު އުސްދޫދު ސިޓީގައި ހުންނަވަނިކޮށް އެސިޓީއަށް ޣައްޒާއިން ދިން ރޮކެޓް ހަމަލާއަކުން ސަލާމަތް ވުމަށްޓަކައި ބިންގަރާހަކަށް ވަނުމަށްވެސް ތަނަންޔާހޫ އަށް މަޖްބޫރުވެވަޑައިގެންނެވި އެވެ. (ނޫސްއެޖެންސީތައް)