ފައިނޭންޝަލް ކޮންޓްރޯލާ ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަސްއަދުގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ގަބޫލުފުޅު ކުރައްވައި، އޭނާ ސަރުކާރަށް ކޮށްދެއްވި ހިދްމަތްތަކަށް ޝުކުރު އަދާ ކުރައްވައި އޭނާއަކީ ތެދުވެރި ވަފާތެރިއެއް ކަމަށް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބުނީ އިސްތިއުފާ ގަބޫލުފުޅު ކުރައްވައި އަސްއަދަށް ރައީސް ފޮނުއްވި ސިޓީފުޅުގައި އެމްޑީޕީގެ ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ފިނޭންސް އެންޑް ޓްރެޒަރީ މަގާމުގަ އާއި ފިނޭންޝަލް ކޮންޓްރޯލަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އައްސަދު ކޮށްދެއްވާފައިވާ ހިދްމަތްތަކުގެ އަގު، އިހްލާސްތެރިކަމާއެކު ވަޒަން ކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އަދި މި ދާއިރާތަކުގައި އައްސަދު ހިދްމަތް ކޮށްދެއްވާފައިވަނީ، ވަރަށް ހީވާގިކަމާއި މުރާލިކަމާއި އިހްލާސްތެރި ކަމާއެކުގައި ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ބައިނަލް އަގްވާމީ މާލީ އެހެން އިދާރާތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރައްވައި، ރާއްޖެއަށް އެ ޖަމިއްޔާތަކުން ފަންނީ ރޮނގުންނާއި މާލީ ރޮނގުން އެހީތައް ހޯއްދަވައިދެއްވުމަށާއި، އެ ޖަމާޢަތްތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވައި ތަރައްޤީ ކުރެއްވުމަށް އަސްޢަދު ކުރެއްވި މިންނެތް މަސައްކަތްޕުޅުތައް ރައީސް ފާހަގަކުރައްވާފައިވެ އެވެ.