އުފަންވި އިރު ލިވާއަށް ދިމާވެފައި ނާޒުކު މައްސަލައެއްގެ ސަބަބުން މަރާ ހަނގުރާމަ ކުރަމުންދާ ތުއްތު ކުއްޖަކަށް އެހީވުމަށް "ހެލްޕް ހާ ހީލް" ގެ ނަމުގައި ޒުވާން ކުދިންތަކެއް ފެއާއެއް ބާއްވައި 18،000ރ. އަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށް، އާއިލާއަށް ހަދިޔާކޮށްފި އެވެ.

މި ފައިސާ ހަދިޔާކޮށްފައި ވަނީ ތިން މަސް ދުވަސްތެރޭގައި ލިވާ ޓްރާންސްޕަލާންޓް އޮޕަރޭޝަނެއް ހަދަންޖެހިފައިވާ އުމުރުން އެއް އަހަރުގެ ފާތުމަތު މަންހާ ސައީދު (ކަމަން) އަށެވެ.

ސަން އޮންލައިން އިން އާންމުންގެ ސަމާލު ކަމަށް ގެނައި ކަމަން އަކީ ޏ. ފުވައްމުލަކަށް އުފަން އުމުރުން 26 އަހަރުގެ ހަސަން ސައީދާއި އުމުރުންގެ 22 އަހަރުގެ އައިޝަތު ހަދީޖާގެ ކުއްޖެކެވެ. އޭނާއަކީ ލިވާ އިން ކުޑަ ގޮހޮރަށް ބައިލް ދާ ހޮޅި ބެދި، އެކަމަށް ހާއްސަ ސާޖަރީއެއް ތިން މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭ ކުއްޖެކެވެ.

ކަމަން އަށް އެހީވާން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު އިސްކަންދަރު ސްކޫލުގައި ބޭއްވި ފެއާގެ ކޯޑިނޭޓަރު އިސްމާއީލް ޝާމިން (ނަޓޭ) ބުނީ ކަމަންއަށް އެހީވުމަށް އިސް ނެގީ ޒުވާން ކުދިންގެ ގްރޫޕެއް ކަމަށާއި ނަމަވެސް ބައެއް ޖަމިއްޔާތަކުން ބައިވެރިވެ އެހީތެރިވި ކަމަށެވެ.

ނައްޓޭ އަދި ބުނީ ފަންނާނުން ވެސް ބައިވެރިވި، ދެ ދުވަހުގެ ފެއާގައި ކަމަން އެހީވުމަށް ހުޅުވި ފަންޑަށް 18،900 ރުފިޔާ ޖަމާކޮށްދެވުނު ކަމަށާއި އެފައިސާ މިހާރު ކަމަންގެ އާއިލާއާ ހަވާލުވެސް ކޮށްފައިވާ ކަމަށެވެ.

އިންޑިޔާގެ ޗެންނާއީގެ ގްލޯބަލް ހޮސްޕިޓަލުގައި ހަދަން ޖެހޭ ސާޖަރީއަށް 44000 އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް ވެއެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ކަމަން އޮޕަރޭޝަން ކުރުމަށް މިއަދު ވަނީ އާއިލާއިން އިންޑިޔާއަށް ފުރާފަ އެވެ.