ފަތުރުވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށާއި ފޭކު އެކައުންޓަކުން ކޮށްލާ އެންމެ ޓުވީޓެއް އެއީ މުޅި ސިނާއަތުގެ ބަސް ކަމުގައި ނުބެލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ ގިނަ ފަހަރަށް މީހުންގެ ސަމާލުކަން ހުއްޓެނީ ވަޒީފާއިން ވަކި ކުރާ މުވައްޒަފުން ހަގީގަތާ ހިލާފު ވާހަކަތައް ހިމަނައިގެން، ފޭކް ޓުވިޓާ އެކައުންޓްތައް މެދުވެރިކޮށް ކުރާ ޓްވީޓްތަކަށް ކަމަށެވެ. އެހެން ނަމަވެސް، އެއީ މުޅި އިންޑަސްޓްރީގެ ހާލަތު ބުނެދޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓުވީޓުކުރާ އެންމެ މީހަކީ ހުރިހާ މީހުންގެ ވާހަކައެއް ނޫން... ބައެއް ފަހަރު ރިސޯޓަކުން ކުއްޖެއް ކަނޑާލީމަ، އެ ކުއްޖާ ދައްކާ ވާހަކަ މެއިންސްޓްރީމަށް މި ވަނީ. މިވީ އެއް އަހަރު ތެރޭގައި މިނިސްޓްރީއަށް ހުށަހެޅި ހުރިހާ ޝަކުވާއެއް ވާނީ އަޑުއަހާފައި. ލޭބާ ރިލޭޝަންސް އޮތޯރިޓީވެސް އެ އޮތީ. އަދި އަޅުގަނޑުމެން ނުބުނަން އެތަނަށް ދާށޭ ވެސް. މިނިސްޓްރީގެ ދޮރު ބަންދެއް ނުކުރަން މުވައްޒަފުން ކަމަކު އައިމަ... ގިނަ ފަހަރު ހުންނަނީ ވަގު އެކައުންޓްތަކުން ޓުވީޓު ވެސް ކޮށްފައި. އެއީ އަސްލު ވަރަށް ދެރަށް ކަމެއް، ވާހަކައެއްގައި ވެއްޖެއްޔާ ދެކޮޅު ބަލަން ވާނެ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް މިއަހަރުގެ ތެރޭގައި އައި ހެޔޮ ބަދަލުތައް ފާހަގަ ކުރައްވައި މިނިސްޓަރު އަލީ ވިދާޅުވީ، މިއީ ހަމައެކަނި ސަރުކާރުގެ މަސައްކަތެއް ނޫން ކަމަށާއި މިއީ މުސާރާ ދޭ ފަރާތްތަކުގެ ވެސް މަސައްކަތުން ގެނެވުނު ބަދަލުތަކެއް ކަމަށެވެ.

"އެއްގޮތަކަށް ވެސް ހީކޮށްގެން ނުވާނެ އަޅުގަނޑުމެންގެ ސަރުކާރު އައިމައޭ ހުރިހާ ކަމެއް ރަނގަޅު ވީ. ކަން އޮތް ގޮތް ތެދަށް މި ދަންނަވަނީ. ކުރީގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވިހެން، ޓޫރިޒަމަކީ އަމިއްލަ ވިޔަފާރިވެރިން އުފެއްދި އެއްޗެއް. މިއީ ސަރުކާރުން އުފެއްދި އެއްޗެއް ނޫން. ސަރުކާރުތަކުން ޖެހޭނީ މަގުފަހިކޮށްދޭން." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

އެހެން ނަމަވެސް ކުރީ ސަރުކާރުތަކުން ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގެ ހާލަތު ބަލާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެއާ ހިލާފަށް މި ސިނާއަތަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށްޓަކައި މިނިސްޓްރީން މިއަހަރުގެ ތެރޭގައި ހަރަކާތެއް ކުރިއަށް ގެންދިޔަ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ހެޔޮ ބަދަލުތައް ގެނައުމަށް ވަގުތު ބޭނުންވާނެ ކަމަށާއި އެ ބަދަލުތަކަކީ ރޭވުމެއްގެ ދަށުން ދުރާލާ ވިސްނައިގެން ގެންނަން ޖެހޭ ބަދަލުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އެ ފާހަގަ ކުރެއްވި މަސައްކަތަކީ މިއަހަރުގެ ތެރޭގައި މިނިސްޓްރީން ކުރިއަށްގެންދިޔަ ސޭފްޓީ އެންޑް ސެކިއުރިޓީ އޮޑިޓް އެވެ.

އެ މަސައްތަކުގެ ދަށުން 1060 ތަނެއް ވަނީ އިންސްޕެކްޓު ކޮށްފަ އެވެ. އެއީ 143 ރިސޯޓު، 194 ޑައިވް ސެންޓަރު، 711 ގެސްޓްހައުސް، 10 ޓޫރިސްޓު ހޮޓެލް އަދި ދެ ޔޮޓް މެރީނާ އެވެ.