26 Dec 2019, 08:48
ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކުޑަކޮށް ވިލާ ހެދި ބަނަކޮށްފައި އޮތް ނަމަވެސް މިއަދު ހިފާ އިރުކޭތަ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ފެންނާނެ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދަށް ކޮންމެވެސް ވަރަކަށް ބަނަކުރި ނަމަވެސް އެންމެ ބޮޑަށް ވިލާ އުފެދިފައިވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އެހެންނަމަވެސް މާލޭ ސަރަހައްދަށްވެސް މިހާރުވެސް ކޭތަ ފެންނަން ފަށާފައިވާ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.
ޖައްވާ ގުޅޭ ކަންތައް ރާއްޖެއިން ދިރާސާކުރާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް އެމެޗުއާ އެސްޓްރޮނޮމާސް ސޮސައިޓީ (މާސް) އިން ބުނާގޮތުގައި މިއަދު ހެނދުނު 07:38 އިން ފެށިގެން 10:32ގެ ނިޔަލަށް ރާއްޖެއަށް ކޭތަ ހިފާފައި ހުންނާނެ އެވެ.
މާސް އިން ބުނާގޮތުގައި އެންމެ ބޮޑަށް ކޭތަ ހިފާފައި ހުއްޓާ މާލޭ ސަރަހައްދަށް ފެންނާނީ ހެނދުނު 08:56 ގައެވެ.
އުތުރުގެ ސަަރަހައްދަށް އެންމެ ބޮޑަށް ކޭތަ ހިފާފައި ހުއްޓައި ފެންނާނީ 08:51 ގައެވެ. އަދި ދެކުނުގެ ސަރަހައްދުތަކަށް ފެންނާނީ 09:01 ގަ އެވެ.
ކޭތަ ހިފާފައި ހުއްޓައި އެންމެ ބޮޑަށް ފެންނާނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށެވެ. އެ ހިސާބުތަކަށް އިރުގެ 75 ޕަސެންޓުގައި ކޭތަ ހިފާފައި ހުއްޓާ ފެންނާނެ އެވެ. މެދުރާއްޖެ ސަރަހައްދަށް 67 ޕަސެންޓް ފެންނައިރު ދެކުނުގެ ސަރަހައްދުތަކަށް ފެންނާނީ 58 ޕަސެންޓެވެ.
ކޭތަ ހިފުމާ ގުޅިގެން ކުރާ ކޭތަ ނަމާދު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިއަދުގެ 08:50 ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށެވެ. އެގޮތުން މާލެ ސިޓީގައި ކުރާނީ އިސްލާމީ މަރުކަޒުގައި ވާއިރު ރަށްރަށުގައި ކޭތަ ނަމާދު ކުރާނީ އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.