26 Dec 2019, 08:53
ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް)އިން 329 ޓަނުގެ ކާގޯ ހޭންޑަލްކޮށްފި އެވެ.
އެމްއޭސީއެލްއިން ބުނީ ކޮންމެ އަހަރަކުވެސް ބޭރުފެ ފިނި މޫސުމާ ދިމާކޮށް އިމްޕޯޓްކުރާ ކާގޯ ވަރަށް ބޮޑަށް އިތުރުވަމުންދާ ކަަމަށެވެ. އޭގެ ސަބަބުން ކާގޯގެ ހިދުމަތް ކުރިން ދޭވަރަށްވުރެ ކަސްޓަމަރުންނަށް އިތުރަށް ހިދުމަތްދޭން ޖެހޭ ކަމަށެވެ. އެގޮތުން އާންމުކޮށް އެތެރެކުރާ ޕެރިޝަބަލް ނުވަތަ އަވަހަށް ހަލާކުވާ ކާގޯގެ އަދަދު 80 ޕަސެންޓްއަށް އިތުރުވެފައިވާ ކަމަށެވެ.
އެމްއޭސީއެލްއިން ބުނީ ކާގޯއަށް އެންމެ ބޮޑަށް ބާރުބޮޑުވަނީ ހޮނިހިރު އާދިއްތަ އަންގާރަ އަދި ބުދަ ދުވަސްކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ކާގޯއަށް ބާރު ބޮޑުވީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި އެދުވަހު 329 ޓަނުގެ ކާގޯ ހެނޑެލްކުރިކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލްއިން އިތުރަށް ބުނީ ކާގޯއަށް ބާރުބޮޑުވާ ދުވަސްވަރު ކަސްޓަމަރުންނަށް ކާގޯ ކްލިއާކޮށްގެން ގެންދެވޭ ވަަރަށްވުރެ އިތުރުވެގެން ދިޔަ ކަމަށާއި އޭގެ ސަބަބުން ކާގޯ އިމްޕޯޓް ގުދަން ފުރި އިތުރު މުދާ ގުދަނަށް ބޭލުމާއި ހަވާލުކުރުން ލަސްވެގެން ދިޔަކަމަށެވެ.
އެހެންކަމުން ކަސްޓަމަރުން ވީހާވެސް އަވަހަސް ކާގޯ ކްލިއާ ކޮށްގެން ގެންދިއުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއޭސީއެލްއިން ފާއިތުވި އަހަރުތަކުގެ ތެރޭގައި ވަނީ ކާގޯ ގުދަނުގެ ޖާގަ ބޮޑުކޮށް 150 ޓަނުގެ ކާގޯ ހެނޑަލްކުރެވޭގޮތަށް އެ ގުދަން ބޮޑުވެސްކޮށްފައެވެ. އަންނަ އަހަރު އަލަށް ހުޅުވޭ ކާގޯ ޓާމިނަލްއާއެކު ކާގޯ ހޭންޑަލް ކުރުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް އަންނާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.