އިންސާނީ ވަގުވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ތިން ކުންފުންޏެއްގެ މައްސަަލަ ބަލަން ނިންމައިފި އެވެ.

އިމިގްރޭޝަނުން ބުނީ އިންސާނީ ވަގުވިޔަފާރިއަށް މަގުފަހިވާގޮތަށް ގިނަ މަސްރޫއުތަކަކަށް ބިދޭސީ މަސައްކަތްތެރިން ގެންނަ ތިން ކުންފުންޏެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މަސައްކަތްތެރިން ގެނައުމުގައި މަކަރުވެރި ޢަމަލު ހިންގާ އަދި ސައްހަ ނޫން ލިޔެކިއުން ހުށަހަޅާފައިވާކަމަށް އެ ތިން ކުންފުންޏަށް ތުހުމަތުކުރެވޭ ކަަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އެ މައްސަލަ މިމަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަަމށެވެ.

އިމިގްރޭޝަނުން ބުނީ އެ މައްސަލަތައް ފުލުހުންނަށް ހުށަހެޅިއިރު އެކުންފުނިތަކުން ކޮށްފައިވާ މުއާމަލާތްތަކާއި، އެ މައްސަލަތަކުގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ އެންމެހާ މަޢުލޫމާތުތައްވެސް ފޮނުވި ކަމަށެވެ.

އެ މައްސަލަތަކުގެ ތަހުގީގު ނިމެންދެން އެ ތިން ކުންފުނީގެ ހިއްސާދާރުންނާއި، އެ މައްސަލަތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުންދިޔަ ބިދޭސީންނާއި ގުޅުންހުރި އެންމެހާ ހިދުމަތްތަކެއް މިހާރު މެދުކަނޑާލައިފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އޭގެ އިތުރުން އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ޖުމްލަ 27 މައްސަލަވެސް މިހާރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އިންސާނީ ވަގުފާރިއަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި ކަމާއިގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން އިމިގްރޭޝަނުން އަބަދުވެސް މަސައްކަތްކުރާނެ ކަމަަށެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެއެވެ. އޭގެ ތެރެއިން ބައެއް ބިދޭސީން ބިދޭސީން ރެކްރޫޓްކުރާ އޭޖެންސީތަކުން ރާއްޖެ ގެނެސް އެމީހުން މަގުމަތިކުރާތަން ދަނީ ފެންނަމުންނެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން ހިންގި ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ބިދޭސީން ދާދި ފަހުން ވަނީ ރަޖިސްޓްރީވެސްވެފައެވެ.