28 Nov 2011, 17:08
މިހާތަނަށް ޝިފާއެއް ހޯދިފައި ނުވާ އެއިޑްސް ބަލި ކޮންޓްރޯލް ކުރުމުގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ގޮފިން ބުނެފި އެވެ.
ރީޖަނަލް ޑައިރެކްޓަރު ސަމްލީ ޕްލިއަން ބަންޗަން ވިދާޅުވި ކަމަށް އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2001 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު އެއިޑްސް ބަލި އަލަށް ޖެހޭ މީހުންގެ އަދަދު 31 ޕަސެންޓަށް ދަށް ކުރެފައިވާ ކަމަށެވެ.
ސިރިންޖް މެދުވެރިކޮށް މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ރާއްޖޭގައި އެއިޑްސް ފެތުރެމުންދާ ކަމަށް ބުނެފައިވާ ބަޔާނުގައި ސަމްލީ ވިދާޅުވެފައި ވަނީ އެއިޑްސް ކޮންޓްރޯލް ކުރުމުގައި ކުރިއެރުން ހާސިލް ކުރެވިފައި ވަނީ ޔޫއެން އެއިޑްސް އާއި ޑަބްލިއުއެޗްއޯއިން ކުރި މަސައްކަތްތަކަން ކަމަށެވެ. އަދި އަގު ހެޔޮކޮށް ބޭސް ލިބޭނެ ގޮތްތައް ހަމަޖެއްސުމާއި އެޗްއައިވީއަށް ޓެސްޓް ކުރެވޭނެ ފަސޭހަ ގޮތްތައް ހޯދުމާއި މައުލޫމާތު ދިނުމުގެ ނިޒާމް ރަނގަޅު ކުރުމަކީ ކުރެވިފައިވާ މަސައްކަތްތައް ކަމަށް ވެސް އޭނާ ފާހަގަކުރައްވާފައި ވެއެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ އެއިޑްސް ބަލި ކޮންޓްރޯލް ކުރުމުގައި ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެ ބަލި ޖެހިފައިވާ 33.3 މިލިޔަން މީހުން މިހާރު ވެސް ދުނިޔޭގައި އެބަ ތިބި ކަމަށާއި އެބަލި މުޅިން ފަސޭހަކުރެވޭ ބޭއްހެއް ނެތުމާއި ޝިފާއެއް ނެތް މަރުލިން ބަލިން ދިފާއުވާނެ ވެކްސިނެއް އުފެއްދިފައި ނެތުމަކީ ގޮންޖެހުންތައް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ޖިންސީ ގުޅުމުން އަރާ ބަލިތައް ޖެހިފައިވާ 448 މިލިޔަން މީހުން ދުނިޔޭގައި ތިބި އިރު އޭގެ ތެރެއިން 71 މިލިޔަން މީހުން ތިބީ މި ސަރަހައްދުގައި ކަމަށް އެ ބަޔާނުގައި ވެއެވެ.