25 Dec 2019, 20:21
(ކ. މާފުށި):ކ. މާފުށީ ބިން ހިއްކާނީ ރައްޔިތުން ހުށަހެޅި ގޮތަށް ރިސޯޓެއްގެ ސިފަ އަންނަ ގޮތަށް ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މާފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އާންމުކޮށް ރާއްޖޭގެ ރަށްރަށުގައި ބިން ހިއްކާ އުޅެނީ ރަށާ އިންވެގެން ތަންކޮޅެއް ހިއްކާ އެބައި ރަށާ ގުޅުވާލުމަށްފަހު، އެ ހިއްކި ބައިގައި ތޮށި ލައިގެން ކަމަށެވެ.
ނަމަވެސް މާފުށީ ބިން ހިއްކަން ނިންމާފައިވަނީ އާންމުގޮތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ބިން ހިއްކާގޮތަށް ނޫން ކަމަށެވެ. މާފުށީ ބިން ހިއްކުމުގެ ޑިޒައިން ޝޭޕް ކޮށްފައިވަނީ ރިސޯޓު ތައް ހެދުމަށް ބިން ހިއްކާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ބައެއް މީސްމީހުން އަޅުގަނޑުމެންނާ ސުވާލުވެސްކުރި. ތިއުޅެނީ ރަށެއް ހިއްކާކަށް ނޫނެއްނޫންހޭ؟ ތިއުޅެނީ ރިސޯޓެއް ހަދަން ނޫންހެއްޔޭ؟ އާޅުގަނޑަކަށް ނޭނެގ މާފުށީގައި ރިސޯޓެއް ގޮތަށް ނޯންނަންވީ ސަބަބެއް. މި ރާއްޖޭގައި ބިނާކޮށްފައި ހުރި ރިސޯޓުތަކުގެ ތެރެއިން ގިނަ ރިސޯޓުތަކުގައި ހުރި އެނދުތަކަށްވުރެ މި ރަށުގައި ހުރި ޓޫރިސްޓު އެނދުތަކުގެ އަދަދު ހަމަ ޔަގީނުންވެސް ގިނަ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މާފުށީގައި 1000 އެއްހައި ޓޫރިސްޓު އެނދު ހުރި އިރު އެރަށަކީ އެންމެ ގިނަ އަދަދަކަށް ޓެކްސް ދައްކާ އެއް ރަށްވެސް ކަމަށެވެ.
"މިރަށުގެ ބިން ހިއްކާއިރު ރިސޯޓެއް އޮންނަ ގޮތަށް އެ ބިން އޮތުމަކީ އެއްވެސް މައްސަލައެއް ނޫން. އެކަން އޮންނަންވާނީ އެގޮތަށް ކަމަށް ގަބޫލު ކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ޕްލޭނިން މިނިސްޓަރު ވިދާޅުވީ ބިން ހިއްކާފައި އެތަނުގެ ވަށައިގެން ބޮޑު ފާރެއް ލުމުގެ ވިސްނުން ބަދަލު ކުރަން ވެއްޖެ ކަމަށެވެ. ބިން ހިއްކުމުން ރަށުގެ ގޮނޑުދޮށުން ފެންނަ ރީތިކަންވެސް ނުފެންނަ ކަމަށާއި ރަށެއްގެ ސިފަވެސް ގެއްލޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވީ މާފުށީ ކައުންސިލާ ވެސް ވާހަކަ ދައްކައިގެން އެހެން ރަށްރަށުގެ ބިން ހިއްކާގޮތާ ތަފާތުކޮށް ބިން ހިއްކަން،" މިނިސްޓަރު ވިދާޅުވީ މާފުށި ހިއްކާއިރު އެރަށުގައި ބީޗެއް އޮންނަން ޖެހޭ ކަމަށެވެ.
އެންމެ ގިނަ ގެސްޓު ހައުސް ހިންގާ މާފުށި ބިން ހިއްކާ ނިމޭއިރު ރީތި ބީޗެއް އޮންނާނެއެވެ.
މިނިސްޓަރު ވިދާޅުވީ ބިން ހިއްކުމަށްފަހު އެންމެ ބޮޑު ކަމަކީ ބިން ފެހި ކުރުން ކަމަށެވެ. ރާއްޖޭގައި ރިސޯޓު ހެދުމަށް ބިން ހިއްކުމަށްފަހު އެންމެ ބޮޑު ކަމަކަށް ވަނީ އެ ބިން ފެހި ކުރުން ކަމަށާއި ރަށްރަށުން ގަސް ނަގައިގެން ގެނެސް ހިއްކި ބިންތަކުގައި އިންދުމަކީ މިހާރު "ބޮޑު ކަމަކަށް" ވެފައިވާ ވާހަކައެއް ކަމަށް ވިދާޅުވެ މިނިސްޓަރު އަސްލަމް ވަނީ މާފުށި ބިން ހިއްކާ ނިމޭއިރު ހިއްކި ބިމުގައި ޖަހާނެ ގަސް ހެއްދުމަށް އެރަށު ރައްޔިތުންގެ ކިބައިން އެދި ލައްވައިފައެވެ.
"އަޅުގަނޑު މި އުއްމީދު ކުރަނީ މާފުށީގެ ބިން ހިއްކިގެންދާއިރު މިހާރުން ފެށިގެން މާފުށީގެ ރައްޔިތުން މަސައްކަތް ކުރައްވާނެޔޭ މި ބިން ފެހި ކުރަން ބޭނުންވާނެ ގަސް ހޯއްދަވަން. ގަސް ކޮންމެހެން ތަނަކުން އުފުރާލައިގެން ގެންނާކަށް ނުޖެހޭނެ. ގަސް ހެއްދޭނެ. ބައެއް ގަސްތައް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައިވެސް ހެއްދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު މުހައްމަދު ޝިހާބު---ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު މުހައްމަދު ޝިހާބު ވިދާޅުވީ މާފުއްޓަކީ ވަރަށް ހާއްސަ ރަށެއް ކަމަށާއި ރާއްޖޭގެ ރަށްރަށުގައި ގެސްޓުހައުސް ޓޫރިޒަމް ކުރިއަރުވަން ކުރި މަސައްކަތުގެ ބަދަލު އެންމެ ބޮޑަށް ފެންނަ އެއް ރަށަކީ މާފުށި ކަމަށެވެ.
ޝިހާބު ވިދާޅުވީ މި ސަރުކާރުން ރަށްތައ ތަރައްގީކުރާނީ އެރަށެއްގެ ރައްޔިތުންނާ މަޝްވަރާކޮށް، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.
މާފުށީ ރައްޔިތުންގެ އެއް އެދުމަކީ ރަށުގެ ބިން ހިއްކާ ނިމޭއިރު އެރަށު ކައިރީ އޮންނަ އާނުގަނޑެއް ކަމަށްވާ ވަށްމާފުށީގެ ބިންވެސް ހިއްކި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީވެގެންދިޔުމެވެ.