25 Dec 2019, 18:42
އުމުރުން 13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުން ކައިވެނިކޮށްގެން އުޅުނު ރ. މަޑުއްވަރީ ފެހިއަލި، އިސްމާއީލް ހައްމާދުގެ މައްޗަށް ޖިންސީ ނިޔަތެއް އޮވެ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ދައުވާ އުފުލައިފިއެވެ.
ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވަނީ "ސަން" އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.
ޝަފީއު ވިދާޅުވީ ހައްމާދުގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ މިއަދު ކަމަށެވެ.
އުމުރުން 13 އަހަރުގެ އެ އަންހެން ކުއްޖާ އަށް މިހާރު ވަނީ ދަރިއެއް ވެސް ލިބިފައެވެ. އެ ދަރިފުޅުގެ ޑީއެންއޭ ހައްމާދުގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ އަންހެން ކުއްޖާ ސްކޫލަށް ނުފޮނުވައި ކުޑަކުދިންގެ ހައްގުތަކުން މަހުރޫމް ކޮށްފައިވާ ކަމަށް ބުނެ އެ ކުއްޖާގެ މަންމަ އާއި ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފައެވެ.