28 Nov 2011, 16:45
ކޮންމެ ދުވަހަކު މަދުވެގެން 15 މިނިއްޓު ކަސްރަތު ކުރުމަކީ ވަރަށް ގިނަ ބަލިތަކުން ސަލާމަތްވެ އުމުރު ދިގުވުމުގެ ފުރުސަތު ބޮޑު ކަމެއްކަން ޓައިވާނުގައިކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ. ޓައިވާންގެ "ނެޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތް ރީސާޗް" ގެ ރީސާޗަރެއް ކަމަށްވާ ޑރ. ޗީބާން ވޫން ވިދާޅުވި ގޮތުގައި އޭނާ އިސްކޮށް ހުންނަވައިގެން ކުރެއްވި ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން ކޮންމެ ދުވަހަކު މަދުވެގެން 15 މިނިއްޓު ކަސްރަތު ކުރުމަކީ ޚިޔާލަށްވެސް ނުގެނެވޭފަދަ ސިއްޙީ ފައިދާތަކެއް އިންސާނާއަށް ލިބޭނެ ކަމެކެވެ.
މިކަމުގެ ސަބަބުން އިތުރު 3 އަހަރަށް އުމުރު ދިގުވުމުގެ ފުރްސަތު ބޮޑުކަން ޢިލްމީގޮތުންނާއި ޑޮކްޓަރީ ގޮތުން މިދިރާސާއިން އަންދާޒާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ޗީބާންގ ވޫން ވިދާޅުވި ގޮތުގައި 15 މިނިއްޓު ކަސްރަތުކުރާއިރު އެކިބާވަތުގެ އެކިކަސްރަތު ކުރެވިދާނެއެވެ. މިގޮތުން ކޮންމެ މީހެއްގެވެސް ސިއްޙީ ޙާލަތު ތަންދޭ ކަސްރަތެއް 15 މިނިއްޓުވަންދެން އެމީހަކު ކުރުމުން ހަށިގަނޑަށް އޭގެ ފައިދާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ޗީބާންގ ވޫންއާއި އޭނާގެ ޓީމުންކުރި މިދިރާސާގައި އެކިއުމުރުގެ 4 ލައްކަ 16 ހާސްމީހުންގެ ސާމްޕަލްއެއް ބޭނުންކޮށްގެން އެމީހުން ކަސްރަތު ކުރަމުންގެންދާ ގޮތާއި ކަސްރަތުގެ މުއްދަތާއި ކަސްރަތުގެ ސަބަބުން އެމީހުންގެ ހަށިގަނޑަށާއި ސިއްޙަތަށް އަންނަ ބަދަލުތައް 13 އަހަރުވަންދެން މޮނިޓަރކޮށް ބަލާފައިވެއެވެ. އަދި ހަމަމިގޮތަށް ގަވައިދުން ކަސްރަތު ނުކުރާ ގިނަޢަދަދެއްގެ މީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ކުރިމަތިވާ ސިއްޙީ މައްސަލަތައްވެސް ބަލައި މޮނިޓަރކޮށް ދެގްރޫޕްގެ ތަފާތުތައް 13 އަހަރުވަންދެން ދިރާސާކޮށްފައިވެއެވެ.
މިބެލުންތަކުގެ އަލީގައި އޭނާ ވިދާޅުވިގޮތުގައި މެދުކެނޑުމެއްނެތި ލުއި ކަސްރަތު ކޮންމެ ދުވަހަކު މަދުވެގެން 15 އަށް ކުރުމުން ކަސްރަތުކުރި ވަރަށް ގިނަ ބައެއްގެ ޒަމާންވީ ސިއްޙީ ގިނަ މައްސަލަތަކެއްވަނީ ބޭހާއި ޑޮކްޓަރީ ފަރުވާއާނުލާ ޙައްލުވެފައެވެ. މީގެތެރޭގައި ހަކުރާއި ކޮލެސްޓްރޯލް ކޮންޓްރޯލްވުމާއި ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމާއި ހުޅުތަކާއި މައިބަދައާއި ކަށީގެ މައްސަލަތައް ޙައްލުވުމާއި ނަފްސާނީ މައްސަލަތައްހުރި މީހުންގެ ނަފްސާނީ މައްސަލަތައް ޙައްލުވުމާއި ހަޖަމުގެ މައްސަލަތަކާއި މިނޫންވެސް ސިއްހީ އެތަށް މައްސަލައެއް ޙައްލުވުން ހިމެނެއެވެ.
މީގެއިތުރުން ހަށިގަނޑު ފިޓްކޮށް ހުރުމާއި ޒުވާންކަން ދިގުދެމިގެން ދިޔުމާއި ލެއާއި ނާރުތަކުގެ ބައްޔާއި ކެންސަރުފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމުގެ ފުރްސަތުވެސް މިގޮތަށް ކޮންމެ ދުވަހަކު ކަސްރަތުކުރި މީހުންނަށް ބޮޑުވެގެންދިޔަކަން މިދިރާސާއިން ހާމަވިކަމަށް ޑރ. ވޫން ގެ ޓީމުން ބުނެއެވެ. 15 މިނިއްޓުގެ ކަސްރަތު ބައިގަޑީއިރަށް ބަދަލުކޮށްފިނަމަ އެކަމުގެ ސިއްޙީ ފައިދާ 3 ގުނައަށް އިތުރުވާނެ ކަމަށް ޑރ. ވޫން ގެ ޓީމުން ލަފާކުރެއެވެ. -- ޤޫރީނާ ނިއު